ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގޮތުން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް މޯލްޑިވް ގޭސް އިން ނިންމައިފިއެވެ.
މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާއިރު، މި ނިންމުމާއެކު ގޭސް ފުޅިތަކަށް އަޅައިދޭނީ ކުރިއަށްވުރެ މަދު މިންވަރެކެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ:
- 10 ކިލޯގެ ފުޅިއަކަށް: 7 ކިލޯގެ ގޭސް
- 22 ކިލޯގެ ފުޅިއަކަށް: 14 ކިލޯގެ ގޭސް
- 45 ކިލޯގެ ފުޅިއަކަށް: 31 ކިލޯގެ ގޭސް
ގޭސް އަޅައިދޭ މިންވަރަށް މިފަދަ ބަދަލެއް ގެނައި ނަމަވެސް، ގޭހުގެ އަގު ބޮޑުނުވާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ. އަދި ކަސްޓަމަރުންގެ އަތުން ފައިސާ ނަގަމުންދާނީ މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން، ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް އެކަންޏެވެ.
މީގެއިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި މިހާރުވެސް ކުރިއަށްދާ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި މި މަޝްރޫއު ނިމުމުން، އެއްފަހަރާ ތިން މަސް ދުވަހުގެ ގޭސް ރައްކާކުރެވި، މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް މައުލޫމާތު ދެއެވެ.
މި ގެނެވުނު ވަގުތީ ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.



