އެމެރިކާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މެއި މަހު އެމެރިކާގައި ޕެޓްރޯލްގެ އެވްރެޖް އަގު 42.2 އިންސައްތައަށް ވަނީ އުފުލިފައެވެ.
މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ޚަބަރުތަކަށް މާކެޓުން އިންތިޒާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މަޝްވަރާތަކާ ގުޅިގެން މާކެޓަށް އައިސްފައިވާ ލޮޅުންތަކާއެކު، އަންގާރަ ދުވަހު ތެލުގެ އަގު ވަނީ އެއް އިންސައްތައަށް އުފުލި، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ދުވަހަށް ވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލައެވެ. އެ ސަރަހައްދު މިހާރު އޮތީ ގާތްގަނޑަކަށް އެއްކޮށް ބަންދުވެފައި ކަމަށްވާއިރު، މީގެ ސަބަބުން ދުނިޔޭގައި އުފައްދާ ތެލާއި އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) ގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މި ބްލޮކޭޑްގެ ސަބަބުން ތެލުގެ އަގު 50 އިންސައްތައަށްވުރެ މައްޗަށް އުފުލެމުންދާކަން އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ތެލުގެ ބާޒާރަށްވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.









