އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދުތައް ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ، މަޝްވަރާކުރާ ފަރާތްތަކުން މިހާރު ވަނީ ވަރަށް ވަރުގަދަ ހުށަހެޅުމެއް މޭޒުމައްޗަށް ގެނެސްފައި ކަމަށާއި، މިއަދުގެ ވަގުތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ.

މި އުންމީދުތަކާ އެކު، މިއަދު ހެނދުނު ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ އަގު 5.5 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 97.90 ޑޮލަރަށް ވެއްޓިފަ އެވެ. އަދި އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު 5.9 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 90.93 ޑޮލަރަށް ތިރިވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ތެލާއި ގޭސް ދަތުރުކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވާ "ސްޓްރެއިޓް އޮފް ހޯމޫޒް" އަލުން ހުޅުވިގެންދާނެ ކަމަށެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅި ވަނީ ބަންދުވެފަ އެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި އިސްރާއީލުގެ ވެރިންނާ އެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، ސުލްހައިގެ އެއްބަސްވުމުގެ ފަހުގެ މަރުހަލާތަކުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް، އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އެއްބަސްވުމެއްގައި ސޮއިކުރުމަށް އަވަސް އަރުވާނުލުމަށާއި، ހުރިހާ ކަމެއް ފުރިހަމައަށް ނިންމުމަށް އިރުޝާދު ދީފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބާގާއީ ވިދާޅުވީ، ވޭތުވެދިޔަ ހަފުތާގައި އެމެރިކާ އާއި އީރާނުގެ ވިސްނުން އެއްގޮތްވަމުންދާ ކަމަށެވެ. ނަމަވެސް މުހިންމު ކަންކަމުގައި އަދި މުޅިން އެއްބަސްވުމަކަށް ނާދެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ފީފާއެއް ހުރި 70 ޑޮލަރާ އަޅާބަލާއިރު އަގުތައް އަދިވެސް ހުރީ މަތީގަ އެވެ. މާހިރުން ލަފާކުރާ ގޮތުގައި، އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ހަލާކުވެފައިވާ ތެޔޮ ވަސީލަތްތައް މަރާމާތުކޮށް، ސަޕްލައި ކުރިން ހުރި ހާލަތަށް ގެނައުމަށް 2027 ވަނަ އަހަރާ ހަމައަށް ވަގުތު ނަގާނެ އެވެ.

މި އުންމީދީ ހަބަރާ އެކު އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށް ވަނީ ކުރިއެރުން ލިބިފަ އެވެ. އެގޮތުން ޖަޕާނުގެ ނިކޭ އިންޑެކްސް ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް 65,000 އިން މައްޗަށް އަރާފަ އެވެ. ޖަޕާނާއި ދެކުނު ކޮރެއާއަކީ ގަލްފުގެ ހަކަތައަށް ވަރަށް ބޮޑަށް ބަރޯސާވާ ދެ ގައުމެވެ.