އީރާނުގެ ސިފައިންނާއި އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކަނޑުގެ ފައުޖުތައް އޮތީ އެ ގައުމާ ދެކޮޅަށް ދޭ ކޮންމެ ހަމަލާއަކާއި އުދުވާނަކަށް ފުރިހަމައަށް ރައްދުދީ، ކުރިމަތިލުމަށް ތައްޔާރަށް ކަމަށް އައިއާރުޖީސީގެ ކޮމާންޑަރު އިން ޗީފް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ވަހީދީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނެރަލް ވަހީދީ މިހެން ވިދާޅުވީ އީރާނުގެ ކަނޑުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ.
އޭނާގެ މެސެޖުގައި ވިދާޅުވީ، ސަރަހައްދުގައިވާ ދުޝްމަނުންގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް އަމާޒުކޮށް ކާމިޔާބު ހަމަލާތަކެއް ދީ، އީރާނުގެ އަސްކަރިއްޔާގެ ދެ ބާރުގެ ގާބިލުކަން މިހާރު ވާނީ ސާބިތުކޮށްދީފައި ކަމަށެވެ. އަދި އީރާނުގެ ވަރުގަދަ އަސްކަރީ ބާރުގެ ސަބަބުން، އެމެރިކާގެ "ފޭރޭ އަދި ވަގު ވިޔަފާރި ހިންގާ ކަނޑުގެ ފްލީޓް" ވަނީ ނުކުޅެދުންތެރިކަމުގެ ތެރެއަށް ވައްޓާލެވިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ އަސްކަރީ އުޅަނދުތައް މިހާރު މަޖުބޫރުވެފައިވަނީ ދުރު ކަނޑުތަކުގައި ހަމައެކަނި ފޯރިމަރައި، ހަރަކާތްތައް ބަލަން ތިބުމަށް ކަމަށް ވަހީދީ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޖެނެރަލް ވަހީދީ ވިދާޅުވީ، އީރާނުގެ ސިފައިންނާއި އައިއާރުޖީސީގެ ކަނޑުގެ ފައުޖުތަކުގެ މެދުގައި އޮތް ބަދަހި ގުޅުމާއި ސްޓްރެޓީޖިކް އެއްބައިވަންތަކަމަކީ މުޅި އަސްކަރިއްޔާގެ ބަދަހިކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި މި އެއްބައިވަންތަކަމަކީ އީރާނުގެ ކަނޑުގެ ސަރަހައްދުތަކާއި ވަށައިގެންވާ ކަނޑުތަކުގެ ދާއިމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިފައިވާ އެންމެ ވަރުގަދަ ބިންގާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އީރާނުން ދަނީ އެ ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް އަސްކަރީ ގޮތުން ފުރިހަމަ ތައްޔާރީތައް ވަމުންނެވެ.



