ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ކޮންޓޭނަރު އުފުލާ މުދާ އުފުލާ ބޯޓަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކަނޑުގެ ސިފައިން ހާމަކޮށްފިއެވެ.
އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބޯޓަށް އަމާޒުކޮށް ފިޔަވަޅު އަޅަންޖެހުނީ އެ ބޯޓުގެ ނެވިގޭޝަނާއި ޕޮޒިޝަން ދެނެގަންނަ ނިޒާމުތައް (ޓްރެކިން ސިސްޓަމް) ނިއްވާލުމާ ގުޅިގެން ކަމަށެވެ. އަދި އެ ބޯޓުން ވަނީ ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފުވެ، އުތުރު ޚައްބާޒް ސަރަހައްދުގެ މަނާ ސަރަހައްދެއްގެ ތެރެއިން "ޣައިރުގާނޫނީ ގޮތެއްގައި" ދަތުރުކޮށްފައި ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ހާމަކުރަމުންދަނީ، ހުރުމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރެވޭނީ އަދި ރައްކާތެރިކަން ލިބޭނީ ހަމައެކަނި އެ ގައުމުން ހުއްދަ ދީފައިވާ އަދި ކަނޑައަޅާފައިވާ ރޫޓުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް އެކަނި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އައިއާރުޖީސީން ނެރުނު ބަޔާނުގައި ވިޔަފާރި އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް ވަރުގަދަ އިންޒާރެއް ދީފައިވެއެވެ.
"ވިޔަފާރި އުޅަނދުފަހަރުގެ ވެރިންނަށާއި ކޮމާންޑަރުންނަށް އަޅުގަނޑުމެން އަނެއްކާވެސް ހަނދާންކޮށްދެނީ، ކަނޑުގެ ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމާއި، ހުއްދަ ދެވިފައިވާ މަގުތަކުން ދަތުރުކުރުމާއި، އަދި ކަމާބެހޭ ފަރާތްތަކުން ދޭ އިންޒާރުތަކަށް ސަމާލުކަން ދިނުމަކީ ހުރުމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް،" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ މުހިންމު މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގެ މަސްރަހު އިތުރަށް ނުތަނަވަސްވެދާނެ ކަމުގެ ކަންބޮޑުވުން ދަނީ އުފެދެމުންނެވެ.



