ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގައި ދަތުރުކުރަމުންދިޔަ ދެ ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ބޯޓުގައި އަލިފާން ރޯވާން މެދުވެރިވީ އެ ކަނޑުއޮޅީގެ އިރުމަތީ ފަރާތުގައި އީރާނުން ކަނޑައަޅާފައިވާ "މަނާ ސަރަޙައްދަކަށް" ވަދެ، ކަނޑުގައި އަޅާފައި ހުރި މައިންތަކެއްގައި ޖެހިގެންނެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން ބުނެފައިވަނީ ޢުމާނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރި ބޯޓުތަކަކަށް ނޭނގޭ އެއްޗަކުން ހަމަލާ އަމާޒުވެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެކަނިވެސް ހުރްމުޒް ކަނޑުއޮޅިއާއި އެ ސަރަޙައްދުން ދަތުރުކުރި މަދުވެގެން 25 ތެޔޮ ބޯޓަކަށް ހަމަލާ އަމާޒުވެފައިވާއިރު، އީރާނުގެ އަސްކަރިއްޔާއިން ބުނަމުންދަނީ އެ ސަރަޙައްދުން ދަތުރުކުރާ ކޮންމެ ބޯޓެއްވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައި، އެ ޤައުމުން ކަނޑައަޅާފައިވާ މަގުތަކުން ދަތުރުކުރަން ޖެހޭނެ ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޑެޕިއުޓީ ކޮމާންޑަރު މޭޖަރ ޖެނެރަލް މުޞްޠަފާ އީޒަދީ ވިދާޅުވީ، އީރާނުގެ ދުޝްމަނުން މަސައްކަތް ކުރަމުންދަނީ އިޤްތިޞާދީ ފިއްތުންތައް ބޮޑުކޮށް އާންމުންގެ އިތުބާރު ގެއްލުވާލައިގެން ޤައުމުގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ކަމަށެވެ. އަދި ބަޙްރައިންގައި ހުރި އެމެރިކާގެ ވައިގެ ދިފާޢީ ރާޑަރު ސިސްޓަމްތަކަށް ހަމަލާދީ، ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށްވެސް އައި.އާރް.ޖީ.ސީން ވަނީ ބުނެފައެވެ.
އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އައު އަހަރު ފެށުމުގެ ކުރިން އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ވިސްނަވާ ކަމުގެ އިންޒާރު ދެއްވާފައެވެ.




