އީރާނުގެ އަސްކަރިއްޔާއިން އެމެރިކާގެ ޕެޓްރިއޮޓް އެއާ ޑިފެންސް ސިސްޓަމްތަކަށާއި ޑްރޯން އަދި މިސައިލް ފޮނުވާ ޕްލެޓްފޯމްތަކަށް ހަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ރޭ ބުނެފިއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތަކުގެ ބޭނުމަކީ އީރާނަށް ހަމަލާދޭ މަސްދަރުތަކާއި އެކަމަށް އެހީތެރިވާ ވަސީލަތްތައް ހުއްޓުވުން ކަމަށެވެ.

ސަރަހައްދުގެ ގައުމުތަކުގެ އިސްތިގުލާލާއި ސަރަހައްދީ ރައްކާތެރިކަމަށް ތެހެރާނުން އަބަދުވެސް އިހުތިރާމް ކުރާކަން ފާހަގަކުރަމުން، އީރާނަށް ހަމަލާދިނުމަށް އެ ގައުމުތަކުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް އީރާނުން ވަނީ ސަރަހައްދީ ސަރުކާރުތަކަށް ގޮވާލާފައެވެ. މީގެ ކުރިން ބުދަ ދުވަހު އީރާނުގެ އަސްކަރިއްޔާއިން ވަނީ ކުވެއިތުގެ އަލީ އަލް ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ޕެޓްރިއޮޓް ސިސްޓަމްތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކުވެއިތުން ވަނީ މިއީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި ބަހްރެއިނުންވެސް ވަނީ އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ދަތިކުރުމުގެ ފިޔަވަޅުތަކާއި ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ހެދި ސުލްހައިގެ މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ.