އަންނަ މެއި މަހުގެ ތެރޭގައި ޗައިނާއިން ރާއްޖެ ހިމެނޭހެން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ތެޔޮ އެކްސްޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފި އެވެ.
ވިޔަފާރި މުއާމަލާތްތަކާ ބެހޭ މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، ޗައިނާއިން ވަނީ ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް 500,000 މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ހުއްދަ ދީފަ އެވެ. މެއި މަހު ޗައިނާއިން ތެޔޮ ފޮނުވާނެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒީލޭންޑް އަދި ސްރީލަންކާ ހިމެނެ އެވެ.
ޗައިނާއިން ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރަން ނިންމާފައި މިވަނީ، މާޗް މަހުން ފެށިގެން އެ ގައުމުގެ އެތެރޭގެ ބާޒާރު ރައްކާތެރިކުރުމަށްޓަކައި އެކްސްޕޯޓް ކުރުން މަދުކޮށްފައި އޮތުމަށްފަހު އެވެ. މި ނިންމުން ނިންމާފައިވަނީ ސާފުނުކުރާ ތެލުގެ އަގު ބޮޑުވުމާއި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށް މަސްދަރުތަކުން ބުނެ އެވެ.
އެކްސްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ 500,000 ޓަނުގެ ތެލުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރު އެލޮޓްކޮށްފައިވަނީ ޗައިނާގެ އެންމެ ބޮޑު ރިފައިނަރީ ކަމަށްވާ ސިނޯޕެކް (Sinopec) އަށެވެ. މީގެ އިތުރުން ޕެޓްރޯޗައިނާ އަށް 150,000 ޓަނު އަދި ސީއެންއޯއޯސީ (CNOOC) އަށް 40,000 ޓަނު އެކްސްޕޯޓް ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. މި އެކްސްޕޯޓްގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ޑީސަލް އަދި ޖެޓް ފިއުލް ކަމަށް ބެލެވޭއިރު، މި ދެ ބާވަތުން އެކްސްޕޯޓްގެ 40 އިންސައްތަ ހިއްސާ ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މިކަމާ ގުޅޭގޮތުން ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނުންނާއި މިނިސްޓްރީ އޮފް ކޮމާސް އިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ދިވެހި ސަރުކާރުންވެސް މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވި ނަމަވެސް، ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަކަން ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ސިންގަޕޫރާއި އިންޑިއާ މެދުވެރިކޮށް ތެޔޮ ހޯދުމުގެ މަޝްވަރާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖެއަށް އާންމުކޮށް ތެޔޮ އެތެރެކުރަނީ އޮމާން މެދުވެރިކޮށެވެ. އޮމާންއަކީ ހޮރުމޮޒް ކަނޑުއޮޅިން ބޭރަށްވާގޮތަަށް ތެޔޮ އެކްސްޕޯޓްކުރާ ކާރުހާނާތައް ގިނަ ގައުމެއްކަމުން، ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ހޮރުމޮޒް ކަނޑުއޮޅި ބަންދުކުރި ނަމަވެސް އެ ގައުމުން ތެޔޮ ބޭރުކުރުމަށް ކުރާ އަސަރު ކުޑަވާނެ އެވެ.









