ދުނިޔޭގެ އެންމެ ބޮޑު ތިން ބާރު ކަމަށްވާ އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ވެރިން ޗައިނާގެ ޝެންޒެންގައި ބޭއްވެވި ތާރީހީ ބައްދަލުވުމުގައި، އެކުވެރި ދައުލަތްތައް (އ.ދ) އިސްލާހުކުރުމަށް އެއްބަސްވެވަޑައިގެންފިއެވެ. ޗައިނާއާއި ރަޝިޔާގެ އޮފިޝަލުން އާންމުކުރި ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ދުނިޔެއަށް ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކާ އިތުރަށް ހަރުދަނާ ގޮތެއްގައި ކުރިމަތިލުމަށްޓަކައި އ.ދ އަށް އިސްލާހީ ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ.
އ.ދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ތިން މެންބަރުންގެ ގޮތުގައި ތިއްބެވި ޓްރަމްޕް، ޝީ އަދި ޕޫޓިން ވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އ.ދ އުފެއްދުމުގައި އެ ގައުމުތަކުން އަދާކުރި ތާރީހީ ދައުރުގެ މަތިން ހަނދާންކޮށް، އެ ޖަމިއްޔާގެ އަސާސީ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް ނިޒާމު ބަދަލުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި ދައުލަތްތަކުގެ ވެރިންނަށް އިމްތިޔާޒު ލިބެންޖެހޭނެ ކަމަށްވެސް ތިން ގައުމުން އެއްބަސްވެފައިވާއިރު، އައި.ސީ.ސީ އޮތީ "ކޮންޓްރޯލުން ނެއްޓިފައި" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް އ.ދ އަށް ގެންނާނީ ކޮން ކަހަލަ ވަކި ބަދަލުތަކެއް ކަމެއް މި ބަޔާނުގައި ތަފްސީލުކޮށްދީފައެއް ނުވެއެވެ. އަދި ޗައިނާއާއި ރަޝިޔާއިން މި ގުޅިފައިވާ ބަޔާން އާންމުކުރި ނަމަވެސް، އެމެރިކާ ސަރުކާރުން އަދި މި ލިޔުން ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.


