މިމަހުގެ 3 ގައި ބޭއްވި އެލަސްކާގެ މިޑްޓާރމް އިންތިޚާބުގައި، ރިޕަބްލިކަން ސެނެޓަރ ޑޭން އެސް. ސަލިވަންއާ ވާދަކުރުމަށް ހަމަ އެ ނަމުގައި ދެވަނަ ކެންޑިޑޭޓެއް ކަމަށްވާ ޑޭން ޖޭ. ސަލިވަން ނެރުނު މައްސަލައިގެ ޖިނާއީ ތަހުގީގަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން 200 އަށްވުރެ ގިނަ ޗިޓް ފޮނުވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ގާނޫނު ތަންފީޒުކުރާ މަސްދަރަކާ ހަވާލާދީ ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަހުގީގު އެމެރިކާގެ އެކި ސްޓޭޓްތަކަށް ފުޅާވެފައިވާއިރު، މީގައި ޖިނާއީ ދައުވާ އުފުލޭ ފަދަ އެތައް ބަޔަކު ހިމެނެއެވެ.
މި ޖިނާއީ ތަހުގީގަކީ މުޅި އިންތިޚާބުގެ ނަތީޖާއާ ގުޅޭ ތަހުގީގެއް ނޫނެވެ. މިއީ ވޯޓަރުންނަށް އޮޅުވާލުމުގެ ބޭނުމުގައި އެއް ނަމެއް ކިޔާ ދެވަނަ ކެންޑިޑޭޓަކު ނެރުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގެކެވެ.
މި ރިޕޯޓް އާންމުވެފައި މި ވަނީ އިންތިޚާބަށް ދެ ހަފްތާ ފަހުން، އަންގާރަ ދުވަހު ޑިމޮކްރެޓް މެރީ ޕެލްޓޯލާ ސެނެޓް ގޮނޑި ކާމިޔާބު ކުރެއްވި ކަމަށް ރަސްމީކޮށް އިއުލާންކޮށްފައިވަނިކޮށެވެ. އެކަމަނާ 144,302 ވޯޓު ހޯއްދެވިއިރު، ސެނެޓަރ ޑޭން އެސް. ސަލިވަންއަށް ލިބިވަޑައިގަތީ 131,844 ވޯޓެވެ. މިނިވަން ކެންޑިޑޭޓް ޑޭން ޖޭ. ސަލިވަންއަށް 4,760 ވޯޓު ލިބުނު ނަމަވެސް، ޕެލްޓޯލާ އިންތިޚާބު ކާމިޔާބު ކުރެއްވުމަކުން މި ތަހުގީގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި މައްސަލަ ފެންމަތިވީ ޕެލްޓޯލާގެ ކެމްޕޭން އެހީތެރިންނާއި ޑިމޮކްރެޓިކް ސެނެޓޯރިއަލް ކެމްޕޭން ކޮމިޓީން ވޯޓަރުންނަށް އޮޅުވާލުމުގެ ބޭނުމުގައި ސެނެޓަރާ އެއް ނަމެއް ކިޔާ މީހަކު އިންތިޚާބަށް ނެރުނު ކަމަށް ދަ ނިއު ޔޯރކް ޓައިމްސްއިން ރިޕޯޓްކުރުމާ ގުޅިގެންނެވެ. މި މައްސަލައިގައި ޕެލްޓޯލާގެ ކެމްޕޭން ތަމްސީލުކުރާ ގާނޫނީ ވަކީލު މާރކް އެލިއަސްއަށްވެސް ވަނީ ޖިނާއީ ތަހުގީގުގެ އަމާޒަކަށް ވެދާނެ ކަމުގެ ލިޔުން ފޮނުވާފައެވެ.




