ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ވަލް-ޑި-މާންގެ ފޮންޓެނޭ-ސޫ-ބުއާގައި ހުންނަ 18 ބުރީގެ މީހުން ދިރިއުޅޭ އިމާރާތެއްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުވެ، 30 މީހުންނަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ. އެ ސިޓީގެ މޭޔަރު ހާމަކުރެއްވި ގޮތުގައި، ރޫ މާޓިން-ލޫތާ-ކިންގްގައި ހުންނަ އެ އިމާރާތުގެ 11 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ 12 ވަނަ ފަންގިފިލާއަށް ފެތުރުނު މި ހާދިސާގައި މަރުވެފައިވަނީ 11 ވަނަ ފަންގިފިލާގައި ދިރިއުޅެމުންދިޔަ އުމުރުން 50 ގެ އަހަރުތަކުގެ އަންހެނެކެވެ.

ޒަހަމްވި 30 މީހުންގެ ތެރޭގައި އެ އިމާރާތުގައި ދިރިއުޅޭ 15 މީހުންނާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި 15 ފަޔާފައިޓަރުން ހިމެނެއެވެ. ސީރިއަސް އަނިޔާތަކެއް ލިބުނު ބައެއް ފަޔާފައިޓަރުންނަށް ޕާސީ މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ނެތް ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. ބޯ ދުމުގެ ސަބަބުން އިމާރާތުގެ ތިރީ 10 ފަންގިފިލާގެ މީހުން ވަގުތުން ހުސްކޮށް، ކައިރީގައި ހުރި ސްކޫލެއްގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، އެހެނިހެން ފަންގިފިލާތަކުގައި ތިބި އެންމެން ވެސް ވަނީ ސަލާމަތް ކޮށްފައެވެ.

ޕެރިސް ފަޔާ ބްރިގޭޑްގެ 130 އަށްވުރެ ގިނަ ފަޔާފައިޓަރުންނާއި 32 ރެސްކިއު ވެހިކަލް ގުޅިގެން ތިން ގަޑިއިރަށްވުރެ ގިނައިރު ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ. އަލިފާން ރޯވި ދެ އެޕާޓްމަންޓް އެއްކޮށް އަނދައި ހުލިވެފައިވާއިރު، އަލިފާންގަނޑު އެހާ ބާރަށް ފެތުރެން މެދުވެރިވީ އެއް އެޕާޓްމަންޓެއްގައި ގިނަ އަދަދަކަށް ފަރުނީޗަރު ޖަމާކޮށްފައި ހުރުމުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށް ފްރާންސްގެ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.