ފްރާންސްގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކާއި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އިޢުލާނުކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށް، ކުރިއަށް އޮތް މުޒާހަރާތަކާ ދެކޮޅަށް ފުލުހުންގެ ވަރުގަދަ ފައުޖެއް ނެރޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ދީފިއެވެ.
މި ފިޔަވަޅުތައް އަޅަން ނިންމާފައި މިވަނީ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ފްރާންސްގައި މިހާރު ކުރަމުންދާ މުޒާހަރާ މުޅި ޤައުމަށް ފެތުރުމަށް ޓަކައި އާންމުންނާއި އެކި ޖަމާއަތްތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި ރޭގަނޑު ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން މަނާކުރާ ކާފިއުގެ މުއްދަތު މިހާރު ވަނީ އިތުރު ދުވަސްތަކަކަށް ދަންމާލާފައެވެ.
ފްރާންސްގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި މުދަލާއި އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ގައުމަށް ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ "ވަރަށް ބޮޑު" ފައުޖެއް ފެތުރޭނެއެވެ.



