ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ފްރާންސްގެ ސްޓްރެޓީޖިކް ރިޒާވުން 10 މިލިއަން ފީފާގެ ޑީސަލް ބާޒާރަށް ދޫކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ތެލުގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައެވެ. ފްރާންސް ސަރުކާރުން ހާމަކުރި ގޮތުގައި މި ފިޔަވަޅުގެ މައިގަނޑު ބޭނުމަކީ އެތެރޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ތެޔޮ ލިބުމުގައި ދިމާވެދާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.
މި ދޫކުރާ 10 މިލިއަން ފީފާ ޑީސަލަކީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރުމަށް ރައްކާކޮށްފައިވާ ރިޒާވުން ދޫކުރާ ތެލެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ބާޒާރުގައި ޑީސަލްގެ އަގު ވަކި މިންވަރަކަށް ހިފެހެއްޓިގެންދާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ލަފާކުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، ވިލާތުގެ އެހެން ބައެއް ގައުމުތަކުން ވެސް ދަނީ ތެލުގެ އަގު މައިތިރިކުރުމަށްޓަކައި އެ ގައުމުތަކުގެ ރިޒާވް ބޭނުންކުރުމާ މެދު ވިސްނަމުންނެވެ.



