މުދަލުގެ އަގު ބޮޑުވުމާއި ގުޕިގެން ފަރަންސޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ފެށުނު ވަރުގަދަ ހަމަނުޖެހުންތަކުގައި ތަންތަން ލޫޓުވައި، މުދަލަށް ގެއްލުންދެމުންދާތީ އެ ގައުމުގެ ރައީސް އެމެނުއަލް މެކްރޮން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ބައިމިލިއަނަށް ވުރެ ގިނަ މީހުންނާއެކު ކުރިޔަށްދާ މުޒާހަރާގައި، ފްރާންސްގެ ވެރިރަށް ޕެރިހާއި އެހެނިހެން މައި ސިޓީތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ފިހާރަތައް ފަޅައި ވައްކަންކުރުމުގެ ގިނަ އަމަލުތަކެއް ހިންގާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ 2400 އަށްވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައެވެ.
މި ހާދިސާތަކާ ގުޅިގެން ކުއްލި ބައްދަލުވުމެއް ބޭއްވެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް މެކްރޮން ވިދާޅުވީ، ހިންގަމުންދާ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އާންމު ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ފަރަންސޭސި ސަރުކާރުން ވަނީ އެތައް ހާސް ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން މަގުތަކަށް ނެރެފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ރޭގަނޑު ކާފިއު އިއުލާނުކޮށް، ދަތުރުފަތުރުގެ ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ.



