ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި، އެމަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދާ ދިމާލަށް މިސްރާބު ޖަހަން ފަށައިފިއެވެ.
މި މުޒާހްރާ މައިގަނޑު ގޮތެއްގައި ފަށާފައިވަނީ އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) ގެ ބާރުގަދަ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސުންނެވެ. މި މުޒާހަރާގައި އިސްކޮށް ހުންނެވީ އެ ޕްރޮވިންސްގެ ޗީފް މިނިސްޓަރު އަލީ އަމީން ގަންދާޕޫރެވެ. މުޒާހަރާގެ ބައިވެރިން ދަނީ އިމްރާން ޚާން ވަގުތުން ވަގުތަށް މިނިވަންކުރުމަށާއި، މިހާރުގެ ސަރުކާރުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.
މުޒާހަރާގެ ބައިވެރިން ވެރިރަށަށް ވަނުން ހުއްޓުވުމަށްޓަކައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އިސްލާމްއާބާދަށް ވަންނަން ހުންނަ މައި މަގުތައް ބޮޑެތި ކޮންޓޭނަރުތައް ބަހައްޓައިގެން ބަންދުކޮށްފައިވާއިރު، މުވާސަލާތީ ޚިދުމަތްތަކާއި އިންޓަނެޓް ވެސް ބައެއް ސަރަހައްދުތަކުގައި ވަނީ ކަނޑާލާފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ކަރުނަގޭސް ވެސް ބޭނުންކޮށްފައިވެއެވެ.
އިމްރާން ޚާންގެ ސަޕޯޓަރުން ބުނަމުންދަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި އުފައްދާފައިވާ ދޮގު ދައުވާތަކެއް ކަމަށާއި، އެމަނިކުފާނު މިނިވަން ނުވަނީސް އިހުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. އަދި ސަރުކާރުން މަގުތައް ބަންދުކޮށް ހުރަސްއެޅި ނަމަވެސް، ވެރިރަށަށް ވަދެ ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.



