ބަންގްލަދޭޝްގެ ފޭރާމާއި ހެދުން އުފައްދާ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ އެންމެ ދަށް އުޖޫރަ މަހަކު 17،000 ޓާކާ އަށް ބޮޑުކުރުމަށް އެ ގައުމުގެ ވޭޖް ބޯޑުން ބުދަ ދުވަހު ނިންމައިފިއެވެ. މި ނިންމުމާއެކު، އަލަށް ވަންނަ މަސައްކަތްތެރިންގެ މުސާރައަށް 36 އިންސައްތައިގެ ކުރިއެރުމެއް އަންނާނެއެވެ. ނަމަވެސް، މިއީ 1986 ވަނަ އަހަރު މި ދާއިރާގައި މިނިމަމް ވޭޖް ކަނޑައަޅަން ފެށިފަހުން ގެނެވުނު އެންމެ ކުޑަ އިންސައްތައިގެ ބޮޑުވުމެވެ. މި ބަދަލު ގެނެސްފައި މިވަނީ މުސާރަ ދެގުނަ ބޮޑުކުރުމަށް އެދި މަސައްކަތްތެރިން މުޒާހަރާ ކުރާތާ އެތައް ހަފުތާއެއް ވެފައި ވަނިކޮށެވެ.
ގާތްގަނޑަކަށް 12 ގަޑިއިރަށް ދެމިގެންދިޔަ ދިގު މަޝްވަރާތަކަށްފަހު، ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުން މި ނިންމުން ފާސްކުރީ 4 މެންބަރުންގެ ވޯޓުންނެވެ. މަސައްކަތްތެރިންގެ މަންދޫބުން ފުރަތަމަ އެދުނީ 32،000 ޓާކާއަށް މުސާރަ ބޮޑުކުރުމަށެވެ. ނަމަވެސް ފަހުން އެ އަދަދު 18،000 ޓާކާއަށް ދަށްކުރިއެވެ. ކާރުޚާނާތަކުގެ ވެރިން އެންމެ ފުރަތަމަ ހުށަހެޅީ 15،000 ޓާކާއެވެ. އެހެންނަމަވެސް ފަހުން އެ އަދަދު 17،000 ޓާކާއަށް ވަނީ މަތިކޮށްފައެވެ. އައު އޮނިގަނޑުގެ ދަށުން، ގްރޭޑް 4 ގެ މަސައްކަތްތެރިންނަށް 17،000 ޓާކާ އަދި ގްރޭޑް 1 ގެ މަސައްކަތްތެރިންނަށް 21،500 ޓާކާ ލިބޭނެއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ ޑިސެމްބަރު 1 އިން ފެށިގެންނެވެ. އަދި ބޮޑުކުރި މުސާރަ، ޑިސެމްބަރު މަހުގެ ބަޔާއެކު ދޭން ފަށާނީ އަންނަ ޖެނުއަރީ މަހުގައެވެ.
ބަންގްލަދޭޝްގެ ފޭރާން އުފައްދާ ސިނާއަތުގައި 4 މިލިއަނަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރެއެވެ. މީގެ ތެރޭގައި ގިނައީ ރަށްފުށުގެ ސަރަހައްދުތަކަށް ނިސްބަތްވާ އަންހެނުންނެވެ. އަދި މިއީ އެ ގައުމުގެ އެކްސްޕޯޓް އާމްދަނީގެ ގާތްގަނޑަކަށް 80 އިންސައްތަ ހިއްސާކުރާ ދާއިރާއެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އެޗް އެންޑް އެމް، ޒާރާ، ވޯލްމާޓް، ޓާގެޓް އަދި ގެޕް ފަދަ ވިޔަފާރިތަކަށް މުދާ ފޯރުކޮށްދެނީ މި ސިނާއަތުންނެވެ. ބަންގްލަދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުނާ ގޮތުގައި، ފަހަކަށް އައިސް ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކާރުޚާނާތައް ބަންދުކޮށް، މަގުތައް ބަންދުވުމުގެ ސަބަބުން ގާތްގަނޑަކަށް 428 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި ގަންނަ ފަރާތްތަކުން ވަނީ ގާތްގަނޑަކަށް 254 މިލިއަން ޑޮލަރުގެ އޯޑަރުތައް އެހެން ގައުމުތަކަށް ބަދަލުކޮށްފައެވެ.
ބުދަ ދުވަހު ވެސް ޑާކާގެ ބޭރުގައި އޮންނަ ޣާޒީޕޫރު ސިނާއީ ސަރަހައްދުގެ މައި ހައިވޭއެއް މަސައްކަތްތެރިން ބަންދުކުރުމާ ގުޅިގެން، އެމީހުން ދުރުކުރުމަށް ފުލުހުން ވަނީ ކަރުނަގޭހާއި އަޑުގަދަ ގޮވާތަކެތި ބޭނުންކޮށްފައެވެ. ބޯޑުން ފާސްކުރި މުސާރައަކީ މަސައްކަތްތެރިން އެންމެ ފަހުން އެދުނު 18،000 ޓާކާއަށް ވުރެ ކުޑަ އަދަދެކެވެ. އަދި މިއީ މީގެ ކުރިން ގެނެވުނު ބަދަލުތަކާ އަޅާބަލާއިރު ކުޑަ މިންވަރެކެވެ. އެގޮތުން 2023 ގައި 56 އިންސައްތަ، 2018 ގައި 51 އިންސައްތަ، އަދި 2013 ގައި 77 އިންސައްތައަށް މުސާރަ ބޮޑުކޮށްފައިވެއެވެ.




