ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ" ގައި، ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ލައިވްކޮށް ހުށަހަޅައިދީ، ރާއްޖޭގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތް ދައްކާލައިފިއެވެ.
ރާއްޖެ އިޝްތިހާރުކޮށް ދެ ގައުމުގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި މި ހަފުލާއަކީ "ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ޝެރަޓަން ޑާކާގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް އެމް. ރަޝީދުއްޒަމާން މިއްލަތު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި، ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން އަދި ވިޔަފާރިވެރިން ހިމެނޭހެން ގާތްގަނޑަކަށް 250 އެއްހާ މެހެމާނުން މި ހަފުލާގައި ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޝިއުނީން ރަޝީދު ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމުގެ މުހިންމުކަމަށާއި، ބަންގްލަދޭޝްގެ މާކެޓަށް ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިނިސްޓަރު މިއްލަތުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ގޮވާލެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ވެސް ފުޅާދާއިރާއެއްގައި އިޝްތިހާރުކުރެވިގެންދިޔަ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އެޕިޓީކިއާ ހޯލްޑިންގްސް، ވަރު ބައި އެޓްމޮސްފިއަރ، މިފްކޯ، މޯލްޑިވިއަން، ޝެރަޓަން ޑާކާ، ދަ ވޭ ޑާކާ އަދި އިންޒާ ކުންފުނިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.



