އިސްލާމީ ގިނަ ގައުމުތަކާއި އަރަބި ދުނިޔޭގައި މިއަހަރުގެ އަޟްޙާ އީދު މިއަދު ފާހަގަކުރަމުންދާއިރު، އިންޑިއާ، ބަންގްލަދޭޝް، ބުރުނާއީ އަދި ދެކުނު އެފްރިކާގައި އީދު ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް އެ ގައުމުތަކުން ނިންމައިފި އެވެ.

މި ހަތަރު ގައުމުގެ ރަސްމީ ދީނީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ހަނދު ފެނުމުގެ ތަފާތުތަކާ ގުޅިގެން އެ ގައުމުތަކަށް ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މޭ މަހުގެ 19 ވާ އަންގާރަ ދުވަހެވެ. އެހެންކަމުން، އެ ގައުމުތަކުގައި އަރަފާތް ދުވަސް މިއަދަށް ދިމާވާއިރު، ބޮޑު އީދު ދުވަހަކީ މޭ 28 ވާ ބުރާސްފަތި ދުވަހެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި ހަނދު ބެލުމުގެ އުސޫލުތައް ތަފާތުވުމުގެ ސަބަބުން މިފަދަ ތަފާތުތައް އައުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ކޮންމެ ގައުމަކުންވެސް ހަނދު ބެލުމުގައި އަމަލުކުރަނީ އެ ގައުމެއްގެ އަމިއްލަ އުސޫލުތަކާއި، ފަލަކީ ހިސާބުތަކާއި، ޖިއޮގްރަފީ ގޮތުން ހަނދު ފެންނަ މިންވަރަށް ބަލައިގެންނެވެ.

އިންޓަރނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރުން ބުނާގޮތުގައި، ސައުދީ އަރަބިއްޔާއާ އެއްގޮތަށް މިއަދު ދުވަހު އީދު ފާހަގަކުރާ ގައުމުތަކުގެ އަދަދު 28 އަށްވުރެ ގިނަ އެވެ. މީގެ ތެރޭގައި ޔޫއޭއީ، މިސްރު، އުރުދުން، ކުވެއިތު، ގަތަރު، ތުރުކީ، ޕާކިސްތާން، މެލޭޝިއާ އަދި ރާއްޖެ ހިމެނެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި އެމެރިކާގައި ދިރިއުޅޭ މުސްލިމުންވެސް އީދު ފާހަގަކުރަނީ މިއަދު އެވެ.

ފަލަކީ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، ހަމައެކަނި ލޮލަށް ހަނދު ފެނުމަށް ބަރޯސާވާ ގައުމުތަކާއި، ފަލަކީ ހިސާބުތަކަށް ބަރޯސާވާ ގައުމުތަކުގެ މެދުގައި މިފަދަ ތަފާތުތައް ކޮންމެ އަހަރަކުވެސް އާދެ އެވެ. މިއީ މޫސުމީ އަދި ޖިއޮގްރަފީ ހާލަތްތަކަށް ބަލާއިރު އިލްމީ ގޮތުން ދިމާވާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.