މަޝްހޫރު އިސްލާމީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކު އުފައްދަވާފައިވާ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރުއެފް) މަނާކޮށްފައި އޮތް އޮތުން، އިންޑިއާ ސަރުކާރުން އިތުރު ފަސް އަހަރުގެ މުއްދަތަކަށް ދަންމާލައިފިއެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީން މި ނިންމުން އިއުލާނުކޮށްފައިވަނީ، އެ ޖަމިއްޔާ މަނާކޮށްފައި އޮތް މުއްދަތު ހަމަވުމަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ހުކުރު ދުވަހު ނެރުނު ނޮޓިފިކޭޝަނެއްގައެވެ. އެ ގައުމުގެ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު (ޔޫއޭޕީއޭ) ގެ ދަށުން މި މުއްދަތު އިތުރުކުރީ ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކަށާއި މުޖުތަމައުގެ އެއްބައިވަންތަކަމަށް ބުރޫއަރާފާނެ ފަދަ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކޮށެވެ.
އައިއާރުއެފް އަކީ ގާނޫނާ ހިލާފު ޖަމިއްޔާއެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ މުއްދަތު އިތުރުކުރިއިރު، އެ މުއްދަތު ހަމަވާން އޮތީ މިއަދުގެ ނިޔަލަށެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި، އެ ޖަމިއްޔާގެ ބާނީ އަދި ރައީސް ޑރ. ޒާކިރު ނައިކަކީ އެ ޖަމިއްޔާއިން ހިންގާ ކަމަށް ބުނާ އަމަލުތަކުގެ މައިގަނޑު ޒިންމާދާރު ފަރާތް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ތަފާތު ދީންތަކުގެ މީހުންގެ މެދުގައި ނުތަނަވަސްކަމާއި ދީނީ ފިތުނަ އުފެއްދުމަށް އޭނާގެ ސަޕޯޓަރުންނަށް ހިތްވަރުދޭ ކަމަށް އިންޑިއާ ސަރުކާރުން ތުހުމަތުކުރެއެވެ.
މީގެ އިތުރުން، ޒާކިރު ނައިކުގެ ތަގުރީރުތަކާއި އާންމު ބަޔާންތަކުގެ ސަބަބުން ދީނީ ޖަމާއަތްތަކުގެ މެދުގައި އަދާވާތްތެރިކަން އުފެދި، އިންޑިއާއާއި ބޭރު ގައުމުތަކުގެ ޒުވާނުން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބިދާނެ ކަމަށް ވެސް އެ ނޮޓިފިކޭޝަނުގައި ބުނެފައިވެއެވެ. ސެޓެލައިޓް ޓީވީއާއި، އިންޓަނެޓާއި، ޗާޕުކުރެވޭ ލިޔުންތަކުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ މެސެޖުތައް އެތައް މިލިއަން ބަޔަކަށް ފޯރާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އިތުރަށް ބުނެފައިވަނީ، އެ ޖަމިއްޔާ ހިންގުމުގެ ފުރުސަތު ދީފިނަމަ، އެ ޖަމިއްޔާގެ މެންބަރުން އަލުން އެއްވެ، ވަކިވެގަތުމުގެ ވިސްނުން ފަތުރައި، އިންޑިއާގެ އިސްތިގުލާލާއި، އެއްބައިވަންތަކަމާއި، ސަލާމަތަށް ގެއްލުންވާ ފަދަ އަމަލުތައް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.





