އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ޒުވާނުން ކުރިއަށްގެންދާ ބޮޑު މުޒާހަރާގެ ލީޑަރު އަދި "ކޮކްރޯޗް ޖަންތާ ޕާޓީ" (ޖޭސީޕީ) ގެ ބާނީ، އަބީޖީތު ދީޕްކޭ ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ލޭންޑްކުރި ތަނުން ފުލުހުން ފްލައިޓްގެ އެތެރެއަށް ވަދެ އޭނާ ހައްޔަރުކޮށްފިއެވެ.
އޭނާގެ އިތުރުން ޕާޓީގެ އިސް އެހެން ލީޑަރުން ކަމަށްވާ ސައުރަވް ދާސް އާއި އަޝުތޯޝް ރާންކާ ވެސް ފްލައިޓްގެ އެތެރެއިން ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ. މި ހަދިސާ އާއި ގުޅިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މަސްރަޙު އިންތިހާއަށް ހޫނުވެ، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ.
މި ހާދިސާއާ ގުޅިގެން މުޒާހަރާތައް ކޮންޓްރޯލް ކުރުމަށްޓަކައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ދިއްލީ މުޅިންހެން ބަދަލުކޮށްލާފައެވެ. އެގޮތުން ސިޓީގެ 45 އަށް ވުރެ ގިނަ މެޓްރޯ ސްޓޭޝަންތައް ބަންދުކޮށް، މުޒާހަރާ ކުރާ ސަރަޙައްދުގެ ވަށައިގެން މޯބައިލް އިންޓަނެޓްގެ ޚިދުމަތް ވެސް ވަނީ ކަނޑާލާފައެވެ. އަދި އެކި ސްޓޭޓްތަކުން ދިއްލީއަށް ދަތުރުކުރަމުންދިޔަ 10,000 އަށް ވުރެ ގިނަ ޒުވާނުންނާއި ދަރިވަރުން ރޭލުތަކާއި ބަސްތަކުން ބާލައިގެން ފުލުހުން ވަނީ ގަނޑުކޮށް ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މަޝްހޫރު އިންޑިއަން ޔޫޓިއުބަރު ދްރޫވް ރާތީ ވެސް ވަނީ އޭނާގެ ގޭގައި ހުއްޓާ ހައްޔަރުކޮށްފައެވެ.
"ކޮކްރޯޗް" ޒުވާނުންގެ ޙަރަކާތުން ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މި މުޒާހަރާއަކީ، އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަނަށް ވުރެ ގިނަ ނަން އުނިކޮށްފައިވާ މައްސަލައިގައި، ޗީފް އީއެލްސީ ކޮމިޝަނަރު ޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވައިލާ ބާއްވަން އުޅުނު މުޒާހަރާއެކެވެ. ލީޑަރުން ހައްޔަރުކޮށް ސިޓީ ލޮކްޑައުން ކުރި ނަމަވެސް، މަގުތަކަށް ނުކުތް އެތައް ހާސް ޒުވާނުންނެއް ދަނީ ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ހަމަނުޖެހުން ހިންގަމުންނެވެ.



