ނެޓްފްލިކްސް އިން އަލަށް ރިލީޒްކުރަން ތައްޔާރުވަމުންދާ ޕާކިސްތާނުގެ ޑްރާމާ ސީރީޒް "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އާ ދެކޮޅަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރާ އިހުތިޖާޖު ވަރުގަދަކޮށްފި އެވެ. މި މައްސަލައިގައި ބޮލީވުޑްގެ ފަންނާނުން ހަނުތިބޭތީ ފިލްމު އުފެއްދުންތެރިޔާ އަޝޯކް ޕަންޑިތު ވަނީ ސުވާލު އުފައްދާފަ އެވެ.
އިންޑިއަން ފިލްމު އެންޑް ޓެލެވިޒަން ޑިރެކްޓަރސް އެސޯސިއޭޝަން (އައި.އެފް.ޓީ.ޑީ.އޭ) ގެ ރައީސް އަޝޯކް ޕަންޑިތު ވަނީ، ގައުމީ ސަލާމަތަށް ހުރި ކަންބޮޑުވުންތަކާއި "އޮޕަރޭޝަން ސިންދޫރު" ގެ ތެރޭގައި ޕާކިސްތާނުގެ ފަންނާނުން ދެއްކި ވާހަކަތަކަށް އިޝާރާތްކޮށް، އިންޑިއާގައި ޕާކިސްތާނުގެ އުފެއްދުންތައް ސްޓްރީމް ކުރުމާ ދެކޮޅު ހަދާފަ އެވެ.
ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީސް (އެފް.ޑަބްލިޔު.އައި.ސީ.އީ) އިން ވަނީ، މި ސީރީޒް އިންޑިއާގައި ބެލޭނެ ގޮތް ނެޓްފްލިކްސް އިން ހަދައިފިނަމަ އެ ޕްލެޓްފޯމަށް އެއްބާރުލުން ނުދިނުމުގެ އަމުރެއް ނެރޭނެ ކަމުގެ އިންޒާރު ދީފަ އެވެ. މި ފިޔަވަޅު އަޅައިފިނަމަ، މުޅި އިންޑިއާގައި ކުރިއަށްދާ ނެޓްފްލިކްސްގެ ޕްރޮޑަކްޝަންތަކުން މަސައްކަތްތެރިންނާއި ޓެކްނީޝަނުން ވަކިވާނެ އެވެ.
ގާތްގަނޑަކަށް ފަސް ލައްކަ މެންބަރުން ހިމެނޭ އެފް.ޑަބްލިޔު.އައި.ސީ.އީ ގެ ރައީސް ބީ.އެން ތިވާރީ ވެސް ވަނީ، އިންޑިއާގައި މިހާރު ކުރިއަށްދާ ނެޓްފްލިކްސްގެ މަސައްކަތްތަކަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. މި ޖަމިއްޔާއިން މީގެ ކުރިން ވަނީ މި މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެހީތެރިކަމަށް އެދި ސިޓީއެއްވެސް ފޮނުވާފަ އެވެ.
މި ދަނޑިވަޅުގައި، އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން ވަނީ، ޕާކިސްތާނުގެ އުފެއްދުންތަކާ ގުޅޭގޮތުން 2025 ވަނަ އަހަރު ނެރުނު އިރުޝާދަށް އަމަލުކުރުމަށާއި، އިންޑިއާގެ ސަބްސްކްރައިބަރުންނަށް ޕާކިސްތާނުގެ ފިލްމާއި ސީރީޒް ނުދެއްކުމަށް މީގެ ކުރިން ނެޓްފްލިކްސް އިން ވެފައިވާ ވައުދު ދެމެހެއްޓުމަށް އެ ކުންފުންޏަށް ހަނދާންކޮށްދީފައެވެ.
ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔާ ފަރުހަތު އިޝްތިއާގް 2013 ވަނަ އަހަރު ނެރުނު އުރުދޫ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އަކީ ހަ ލޯބީގެ ވާހަކައެއްގެ މައްޗަށް އެކުލެވޭ ސީރީޒެކެވެ. މި ސީރީޒްގައި ފަވާދު ހާން، މާހިރާ ހާން، ސަނަމް ސައީދު، އަހަދު ރަޒާ މިރް، އިގްރާ އަޒީޒް، ހާނިއާ އާމިރު އަދި ހަމްޒާ އަލީ އައްބާސީ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
މޯމިނާ ދުރައިދު ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ މި ސީރީޒް އުފެއްދުމަށް އަށް އަހަރު ހޭދަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަންނަ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ޓްރެއިލާ ދާދިފަހުން ވަނީ ކަރާޗީގެ ތާރީހީ މޮހައްޓާ ޕެލަސްގައި ދައްކާލާފަ އެވެ.
މި މައްސަލައިން ދައްކުވައިދެނީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމުގެ އަސަރު ދެ ގައުމުގެ ސަގާފީ ގުޅުންތަކަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ކުރަމުންދާ މިންވަރެވެ.




