ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބާލަސުބްރަމާނިއަންއެވެ. މީގެއިތުރުން، މި މަޝްރޫއު ތަންފީޒުކުރާ އޭޖެންސީގެ ފަރާތުން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު ވަނީ ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރަށްރަށުގެ ރައްޔިތުންނަށް ސިއްހީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށާއި، ފިޓްނަސް އަދި ރެކްރިއޭޝަންގެ ފުރުސަތުތައް ފުޅާކުރުމަށް މަގުފަހިކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ ޖުލައި މަހު ސޮއިކުރެވުނު 42 ރަށުގެ މަޝްރޫއުތަކުގެ އިތުރަށް، އިތުރު 3 ރަށަކަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.
ޔޫތު މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވީ މި ސެންޓަރުތަކުގެ ސަބަބުން ކުޅިވަރާއި ރެކްރިއޭޝަންގެ ހަރަކާތްތަކުގައި ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ބޮޑުވެ، މުޖުތަމައުގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ދެއްވަމުންދާ އެއްބާރުލުމަށް ދެ ވަޒީރުންވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.





