ޒުވާނުން ބާރުވެރިކުރުވުމަށާއި، އާންމުން ބޭނުންކުރާ އިޖުތިމާއީ ވަސީލަތްތައް ފަރުމާކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި، "ޔޫތު ހަބް ކެފޭ ޑިޒައިނިންގ ކޮމްޕެޓިޝަން" އަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 45،000 ރުފިޔާގެ އިނާމީ ފަންޑެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި އެއްވަނައަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މުބާރާތުގައި ބައިވެރިވެވޭނީ މައުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މި ސެޝަން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް ޔޫތު ހަބު (ލިލީ މަގު) ގައެވެ.
މުބާރާތުގައި ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި މައިގަނޑު އިސްކަމެއް ދޭނީ، ޒުވާނުންނަށް ޝައުގުވެރި މާހައުލެއް ބިނާކުރުމަށާއި، އުފެއްދުންތެރި އީޖާދީ ހިޔާލުތައް ހިމެނިފައިވާ މިންވަރަށެވެ. އަދި އަމަލީ ގޮތުން އިމާރާތްކުރެވޭނެ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ޑިޒައިނަކަށް ވުމާއެކު، ކިޔެވުމާއި މަސައްކަތްކުރުމަށް ހާއްސަ ސަރަހައްދުތަކާއި ކުޅިވަރާއި ޒުވާނުންގެ ހަރަކާތްތަކަށް އެކަށީގެންވާ ޖާގަ ހިމެނޭ ގޮތަށް ފަރުމާކުރުން ހިމެނެއެވެ. މުބާރާތަށް ހިޔާލު ހުށަހެޅުމަށް ފަންނީ ހުނަރެއް ބޭނުންނުވާނެ ކަމަށާއި، ހުށަހަޅާ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ޕްރޮފެޝަނަލް ޑިޒައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.




