މ. އަތޮޅު މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
މަޑުއްވަރީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޯޓު ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، މި އައު ކޯޓާއެކު މަޑުއްވަރީން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރާނެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރަށުގެ އެންމެހައި ރައްޔިތުންވެސް މި ވަސީލަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި، ޒިންމާދާރުކަމާއެކު ހިފުމަށް މިނިސްޓަރ އިލްތިމާސްކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ކުޅިވަރަކީ ހަމައެކަނި އުފާފާޅުކުރުމާއި މުނިފޫހިފިލުވުން ނޫންކަން ފާހަގަކުރައްވައި، ކުޅިވަރަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި، ރަނގަޅު އަހުލާގާއި ސުލޫކު އަށަގެންނެވުމުގެ އިތުރުން އިޖުތިމާއީ ބަދަހިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.
ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ކޯޓުގައި ވަނީ އެކުވެރިކަމުގެ ވޮލީބޯޅަ މެޗެއްވެސް ކުޅެފަ އެވެ.
މިއީ އަތޮޅުތަކުގެ ރަށްރަށުގައި ވޮލީބޯޅަ ކޯޓުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމައި ހުޅުވި ކޯޓެކެވެ. މިނިސްޓަރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން މައުލޫމާތުދޭ ގޮތުގައި، އަތޮޅުތެރޭގެ އެކި ރަށްރަށުގައި 10 ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.









