ސަރުކާރުގެ މިނިސްޓްރީތަކަށް ގެންނެވި ބަދަލުތަކާއެކު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓާއި މިނިސްޓްރީ އޮފް ސްޕޯޓްސް އެއްކޮށްލައި، އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް އިސްމާއިލް ރާފިއު އައްޔަންކުރައްވައިފި އެވެ.
މީގެކުރިން ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ރާފީއު މި މަގާމަށް އައްޔަންކުރެއްވީ، ކުރިން ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އަސްވާޑު) މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްވާޑު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފުވެފައި ނުވާއިރު، އޭނާ ހިމެނޭހެން ޖުމުލަ 10 މިނިސްޓަރަކު މިއަދު ވަނީ މިއަދު މެންދުރުފަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ބަދަލުތަކަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންނަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ގެންނެވި ބަދަލުތަކެކެވެ. ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު މިހާރު އެ މިނިސްޓްރީއަށް ދީފައިވާ ނަމަކީ "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް" އެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ރާފީއުއަށް ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު ޢަބްދުލްގަނީ މުހައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، ރާފީއު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.
މި ބަދަލާއެކު، ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޒު އަޙްމަދު އުޝާމްއާއި، އިތުރު ދެ މިނިސްޓްރީ އެއްގެ މިނިސްޓަރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.









