ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް އޮކްޓޫބަރު 20 އިން 22 އަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އަދި އެ ގައުމުގެ ރައީސް އާސިފް ޢަލީ ޒަރުދާރީގެ އިތުރުން ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާގް ދާރުއާއި، ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރުއާއި، ގައުމީ މަޖިލީހުގެ ރައީސް ސަރުދާރު އަޔާޒް ސާދިގް އަދި ސެނެޓުގެ ޗެއާމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ ފަދަ އިސް ވެރިންނާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރުގެ އިތުރުން ދިފާޢީ އަދި ސަރަހައްދީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިގޮތުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން 20 ފަހުމުނާމާއެއްގައި ސޮއިކޮށް، ދެ ގައުމުގެ ވެރިންގެ ހާޒިރުގައި ވަނީ ބަދަލުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
އިސްލާމްއާބާދުގައި ބޭއްވުނު "މޯލްޑިވްސް–ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން، ސިއްހީ ދާއިރާ، ޢިމާރާތްކުރުމާއި އިންޖިނިއަރިންގ، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވާފައެވެ. މީގެއިތުރުން، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ފުރުސަތުތައް ފަހިކޮށް، ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ރާއްޖޭގެ ގައުމީ އެއާލައިން، "މޯލްޑިވިއަން" އިން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު އިއުލާނުކުރެއްވިއެވެ.
ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުން ވަނީ 100،000 ޒައިތޫނި ގަހުގެ ގޮފި އަދި އެކި ބާވަތްތަކުގެ 100،000 އޮށް ހަދިޔާކުރުމަށް ނިންމާފައެވެ.
މި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވީ ވެވުނު އެއްބަސްވުންތަކުގެ އަމަލީ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ ގޮތަށް ކަންކަން ތަންފީޒުކުރުމަށް ދެ ޤައުމުންވެސް އިގުރާރުވަމުންނެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.



