ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެގައުމުގެ ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އައިވާން-އެ-ސަދްރު" ގައި އޮތް މި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ވަޑައިގަތުމުން، އެދެކެނބަލުންނަށް މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ފަސްޓް ލޭޑީ އަސީފާ ބުއްޓޯއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނުގެ ރައީސާއި ފަސްޓް ލޭޑީއާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށްދިޔައީ ވަކިވަކިންނެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އިޖުތިމާއީ އަދި ސިއްހީ ދާއިރާއިން ދެގައުމަށް މުހިންމު ކަންކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، އަންހެނުންގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމަށް އަސީފާ ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކަށް މެޑަމް ސާޖިދާ ތައުރީފު ކުރެއްވިއެވެ. މީގެއިތުރުން، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް މުޖުތަމައުގައި އަށަގަންނުވައި، ސިއްހީ ދާއިރާއިން ދެގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.
މީގެއިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ކަނބަލުން ބާރުވެރިކުރުވުމުގައި ދެބޭފުޅުން އަދާކުރައްވާ މުހިންމު ދައުރަށް މި ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން، ތައުލީމީ އަދި އިގްތިސާދީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލުމާއި، މުޖުތަމައުގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ، ދެގައުމުގެ ގުޅިފައިވާ އަމާޒުތަކާއި އިޖުތިމާއީ ކަންކަމުގައި ގާތުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.




