ދަނޑުވެރިކަމާއި އެނިމަލް ވެލްފެއަރ ނުވަތަ ޖަނަވާރުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ފަހުމުނާމާއެއް (އެމްއޯޔޫ) ބަދަލުކޮށްފިއެވެ.
މި ފަހުމުނާމާ ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އޮކްޓޫބަރު 21 ގައި އިސްލާމްއާބާދުގައެވެ. މިއީ ރައީސް މުޢިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި ދެގައުމުގެ ދެމެދުގައި ބަދަލުކުރެވުނު 20 ފަހުމުނާމާގެ ތެރޭގައި ހިމެނޭ މުހިންމު އެއް އެއްބަސްވުމެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އެއްބަސްވުމުގެ ދަށުން އޯޗަރޑް ދަނޑުވެރިކަން ކުރިއެރުވުމަށް ހާއްސަ ޒޯންތައް ކަނޑައަޅައި، މޭވާއާއި ނަޓްސް ހައްދާ ގަސްގަހާގެހި އާލާކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މޫސުމީ ގޮންޖެހުންތަކުން ރައްކާތެރިވެވޭފަދަ ގަސްގަހާގެހި ހައްދައި އާލާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ފެން ބެލެހެއްޓުމުގެ ދިރާސާތައްކޮށް، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ޖަނަވާރުންގެ ރައްކާތެރިކަމުގެ ދާއިރާއިން، ވޯލްޑް އޯގަނައިޒޭޝަން ފޯ އެނިމަލް ހެލްތު (ޑަބްލިއުއޯއޭއެޗް) ގެ މިންގަނޑުތަކާ އެއްގޮތަށް ޖަނަވާރުންގެ ކުއަރަންޓީން ނިޒާމާއި ބަޔޯސެކިއުރިޓީ ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އަދި ޖަނަވާރުންގެ ބަލިތައް ދެނެގަތުމާއި، ހެޗަރީ މެނޭޖްމަންޓްގެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ އިތުރުން، މަގުމަތީގައި އުޅޭ ބުޅާތަކުގެ އާބާދީ ކޮންޓްރޯލްކޮށް، ވެޓެރިނަރީ ފަރުވާއާއި ނިއުޓަރކުރުމުގެ (ސްޓެރިލައިޒްކުރުމުގެ) ހިދުމަތް ދިނުމަށްވެސް އެއްބަސްވެވިފައިވެއެވެ.
މި އެއްބަސްވުމުގެ އިތުރުން، ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ހަރަކާތަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުން ވަނީ ޒައިތޫނި ގަހުގެ ގޮފިތަކާއި، އޮށާއި، އަދި ނާސަރީތައް ހެދުމަށް ފަންނީ އެހީތެރިކަން ދިނުމަށް ވައުދުވެފައެވެ.




