މެރިކަލްޗަރ އިންވެސްޓްމަންޓާއި، މަސްވެރިކަމުގެ ވަސީލަތްތައް ތަރައްގީކުރުމާއި، އެކުއާކަލްޗަރ އަދި ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު ފަހުމުނާމާއެއް (އެމްއޯޔޫ) ބަދަލުކޮށްފިއެވެ.
މި ފަހުމުނާމާ ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އޮކްޓޫބަރު 21 ގައި އިސްލާމްއާބާދުގައެވެ. މިއީ ރައީސް މުޢިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި ދެގައުމުގެ ދެމެދުގައި ބަދަލުކުރެވުނު 20 ފަހުމުނާމާގެ ތެރޭގައި ހިމެނޭ އެއްބަސްވުމެކެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އިންވެސްޓްމަންޓްތަކާއި، ފަންނީ އެހީތެރިކަމާއި، ތަޖުރިބާ ހިއްސާކޮށްގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ވަރުގަދަކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން މެރިކަލްޗަރ ދާއިރާއިން އިންވެސްޓަރުން ހޯދުމަށާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް ގާއިމުކުރުމަށް ދެގައުމުން ގުޅިގެން މަސައްކަތްކުރާނެއެވެ. މީގެއިތުރުން، މަސް އާލާކުރާ ހެޗަރީތަކާއި، ކޯލްޑް-ސްޓޯރޭޖް ފެސިލިޓީތައް ފަދަ މަސްވެރިކަމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެކުއާކަލްޗަރ އަދި ކަނޑުމަހުގެ އުފެއްދުންތައް އިތުރުކުރުމަށްޓަކައި ފަންނީ އެހީތެރިކަމާއި، ދިރާސާތައް ކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމަށް އެއްބަސްވެފައިވާއިރު، މަސްވެރިކަމުގެ ވަސީލަތްތަކާއި އާލާތްތައް ޒަމާނީކޮށް ބެލެހެއްޓުމުގެ ދާއިރާއިން ހުނަރު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) މެދުވެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުމަށް ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދާއި، އާންމުންގެ ދިރިއުޅުމާއި، ކާނާގެ ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ދާއިރާއަކަށްވާއިރު، މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރިތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެއެވެ. މި މަޝްވަރާތަކުގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.




