ރައީސްުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޕާކިސްތާނުގެ ރައީސާ ބައްދަލުކުރައްވާ، ދެ ގައުމު މެދުގަވާ ގުޅުން ބައިނަލްއަގުވާމީ ފެންވަރުގައި ބަދަހިކުރުމަށް އެއްބަސްވެއްޖެއެވެ. އަދި އެކި ދާއިރާތަކުން އެއްކޮށް މަސައްކަތްކޮށް އެ ދާއިރާތަށް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރުމަށް އެއްބަސްވިއެވެ.
ދެގައުމުގެ ވެރިންގެ މެދުގައި ބޭއްވި މި ބައްދަލުކުރުން ކުރިޔަށް ގެންގޮސްފަވަނީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަންޑުވަރު އައިވާން-އީ-ސަދްރުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ސާޖިދާ މުހައްމަދަށް ގަނޑުވަރުގައި މަރުހަބާ ދަންނަވާފަވަނީ ޕާކިސްތާނުގެ ރައީސް ހިޒް އެކްސަލަންސީ އާސިފް އަލީ ޒަރްދާރީއާ، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. އަދި މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ގައުމުގެ ރައީސުންނާއި އަނބިކަނބަލުންގެ މެދުގައި ވަކިވަކި ބައްދަލުވުންތައްވެސް ބޭއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލިއެވެ. އަދި ދެ ގައުމުން ގުޅިގެން ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރިއާއި، ތައުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ތަމްރީނު ދިނުމުގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޝްވަރާ ކުރިޔަށް ގެންދެވިއެވެ. މީގެ އިތުރުން ދޭދޭ ގައުމުގެ ގުޅުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސް ޒަރްދާރީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާ މިންވަރަށްވެސް ތަޢުރީފު ކުރައްވިއެވެ.

ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަންޑުވަރު އައިވާން-އީ-ސަދްރުގަ ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ރައީސް މުޢިއްޒު ކުރެއްވި މި ދަތުރުފުޅާމެދު ޕާކިސްތާނުގެ ރައްޔިތުން އުފާކުރާކަންވެސް ރައީސް ޒަރްދާރީ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ހޫނު މަރުޙަބާއެއް ދަންނަވައި، އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރި ފުރިހަމަ މެހެމާންދާރީއަށްޓަކައި ރައީސް މުޢިއްޒު ޕާކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން ދެބޭފުޅުންވެސް އައުކުރައްވަމުންނެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ އެކުވެރިކަމުގެ އާ ބާބެއް ފެށިގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.




