ރާއްޖޭގެ އިގްތިސާދަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ބައިވެރިންނަށް ވެ، ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދައުވަތު އެރުއްވީ އިސްލާމްއާބާދުގައި ބޭއްވުނު "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ އުހުއްވަތްތެރިކަމާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރިފައިވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ އިތުބާރާއި ގާތް ގުޅުމާ އެއްވަރަށް އިގްތިސާދީ ގުޅުން އަދި ފުޅާވެފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެވަޑައިގެންފައިވާ ވައުދުފުޅު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، ދެމެހެއްޓެނިވި ސަޕްލައި ޗޭނަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްކަން ބަޔާންކުރައްވަމުން، ކޯލްޑް-ޗެއިން ލޮޖިސްޓިކްސް، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތައް، ޒަމާނީ ކާބޯތަކެތި ޕްރޮސެސްކުރުން، އަދި މޫސުމަށް އެކަށޭނަ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާތަކުން އިންވެސްޓް ކުރުމަށް ރައީސް ދައުވަތު ދެއްވިއެވެ. މީގެއިތުރުން، ކަނޑުމަގުން ސީދާ ގުޅުންތައް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ވިޔަފާރިއާއި ދަތުރުފަތުރު ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމަނިކުފާނު އިޢުލާނު ކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން، ފެންވަރު ރަނގަޅު ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ސަނަދުލިބިފައިވާ ބޭސް އުފައްދާ ކުންފުނިތަކަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ރައީސް މަރުހަބާ ވިދާޅުވިއެވެ.
ހަމައެއާއެކު، ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ގުޅުވާލުމުގެ ބިޔަ މަޝްރޫއުތަކާއެކު ރާއްޖެއަށް އަންނަމުންދާ އުމްރާނީ ބަދަލުތަކުގެ ބައިވެރިންނަށް ވުމަށް އިމާރާތްކުރުމާއި އިންޖިނިއަރިންގ ދާއިރާގެ ކުންފުނިތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް، އެ ދާއިރާއިން އިންވެސްޓްމަންޓްތައް ހުޅުވިފައިވާކަން ވެސް ހާމަކުރެއްވިއެވެ.
އިސްލާމިކް ފައިނޭންސާއި، ހަލާލް އުފެއްދުންތަކާއި، ހަލާލް ޓޫރިޒަމަށް އޮތް ޑިމާންޑް ބޮޑުވަމުން އަންނަކަން ފާހަގަކުރައްވައި، ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްތަކާއި ސުކޫކް ދޫކުރުން ފަދަ ދާއިރާތަކުން ލިބެންހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް މާލީ އިދާރާތަކަށް ރައީސް ބާރުއެޅުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އިންވެސްޓަރުން ރާއްޖެއަކީ ހަމައެކަނި މުދާ އެތެރެކުރާ މަންޒިލެއްގެ ގޮތުގައި ނުބަލައި، ބައިނަލްއަގްވާމީ ބޮޑެތި ބާޒާރުތަކަށް އުފެއްދުންތަކާއި ހިދުމަތްތައް ފުޅާކުރުމަށް އޮތް ސްޓްރެޓީޖިކް ޕްލެޓްފޯމެއްގެ ގޮތުގައި ދުށުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިންވެސްޓަރުންނަށް ރައްކާތެރި، ފަހި ވެއްޓެއް ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ދެ ގައުމުގެ ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި މި ފޯރަމްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ، ދެ ގައުމުގެ ވިޔަފާރިވެރިން ވެސް މި ފަހި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.



