ގއ. ދެއްވަދޫގައި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެ ރަށުގައި ހޭންޑްބޯޅަ ކޯޓެއް ބިނާކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއުއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ހުވަދު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ދެއްވަދޫއަށް ވަޑައިގެން އެ ރަށުގެ ކަނބަލުންގެ އެދިލެއްވުމަކަށް ވައުދުވެފައިވާ ކަމެކެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ކިނާންއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.
ޖުމްލަ 1.81 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 120 ދުވަސް ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން، ކޮންކްރީޓްގެ މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި، އިކުއިޕްމެންޓް ހަރުކުރުމުގެ އިތުރުން ޓާރފް އެޅުމާއި ކަރަންޓުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
1,400 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދެއްވަދޫގެ ޒުވާނުން ނުހަނު ބޭނުންވެފައިވާ މި މަޝްރޫއު ނިމިގެންދިޔުމާއެކު، އެ ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ އަދި ސިއްހީ ގޮތުން ވަރަށް ބޮޑު ފަސޭހަތަކަކާއި މަންފާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މި ހޭންޑްބޯޅަ ކޯޓުގެ ސަބަބުން ރަށުގެ ކުޅިވަރުގެ ހަރަކާތްތައް އިތުރުވެ، ޒުވާނުންނަށް ފައިދާހުރި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފުޅާވެގެންދާނެއެވެ.




