ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ގއ. ދެއްވަދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް ފެށުމަށް ބޭނުންވާ މެޝިން އެ ރަށަށް ގެންގޮސްފިއެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 9 ޖަނަވަރީ 2025 ގައި ދެއްވަދޫއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި، އެ ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް، އެކްސްރޭގެ ހިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. އެ ވައުދުފުޅު ފުއްދެވުމުގެ ގޮތުން އިއްޔެ އެކްސްރޭ މެޝިން އެ ރަށަށް ގެނައުމާ ގުޅިގެން، ރަށުން ބޭރަށް ނުގޮސް އެ ޚިދުމަތް ލިބޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
މި ކާމިޔާބީއާ ގުޅިގެން ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފަޒުހާދު ވިދާޅުވީ، މިއީ ދެއްވަދޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ހަގީގަތަކަށް ވެގެންދިޔަ ދުވަސް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ދީލަތި ވައުދުފުޅު ފުއްދަވައި، ދެއްވަދޫ ހެލްތު ސެންޓަރުގެ ދަރަޖަ މަތިކުރުމުގެ ތެރެއިން މި މެޝިން ލިބިގެން ދިއުމަކީ ދެއްވަދޫއަށް އެކަނި ލިބުނު އުފަލެއް ނޫން ކަމަށާއި، މުޅި ގއ. އަތޮޅަށް ވެސް ލިބުނު ތާރީހީ އުފަލަކާއި ފަހުރުވެރި ދުވަހެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ފަޒުހާދު އިތުރަށް ވިދާޅުވީ، އެކްސްރޭއެއް ނެގުމަށްޓަކައި މާލެއަށާއި އަތޮޅު ހޮސްޕިޓަލްތަކަށް ދަތުރުކޮށް، ބޮޑެތި ޚަރަދުތައް ކުރަންޖެހިފައި އޮތް ހިތްދަތި ދުވަސްތަކަށް މިހާރު ނިމުން އައިސްފައިވާ ކަމަށެވެ. އަދި ދެއްވަދޫގެ ކޮންމެ ރައްޔިތަކަށް ވެސް ދެން އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއެކު އެންމެ ފުރިހަމަ ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ދެއްވަދޫ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ރަށުގެ ތަރައްޤީއަށް ނުހުއްޓި މަސައްކަތް ކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދާއިރާގެ އިއްޒަތްތެރި މެންބަރު އަސަދުﷲ ޝިހާބަށާއި، ކުރީގެ ވަޒީރު އަސްވާޑުގެ އިތުރުން އެސްޓީއޯގެ އެމްޑީ ސިމާދަށް، ދެއްވަދޫ ރައްޔިތުންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށް ފަޒުހާދު ވިދާޅުވިއެވެ.
"ދެއްވަދޫއަށް މި ލިބުނީ ހަމައެކަނި މެޝިނެއް ނޫން، މިއީ އުންމީދެވެ! މިއީ ރައްޔިތުންނަށް ކުރެވޭ އިހްތިރާމެވެ! މިއީ ތަރައްޤީގެ އަލި މަގެވެ!" މިއީ އަގު ނުކުރެވޭނެ ފަދަ ބޮޑު އުފަލެއްކަން ފާހަގަކުރައްވަމުން ފަޒުހާދު ވިދާޅުވިއެވެ.
މި ހިދުމަތް ގާއިމުވެގެން ދިއުމަކީ ރާއްޖޭގެ ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ އިހްލާސްތެރި މަސައްކަތުގެ އަލިގަދަ ހެއްކެކެވެ.



