ސިއްހީ ޚިދުމަތް ހޯދުމުގައި ރައްޔިތުން މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ސަރުކާރުން ހިންގާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އިތުރު ތިން ރަށެއްގައި އެމްއާރްއައި އަދި ހަތް ރަށެއްގައި ސީޓީ ސްކޭން ގެ ޚިދުމަތް ތަޢާރަފުކުރުމުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ގީލާ ޢަލީ ވަނީ އަތޮޅުތެރޭގެ ސިއްހީ ފެންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ އަތޮޅުތަކުން އެމްއާރްއައިގެ ޚިދުމަތް މިހާރު ލިބެމުންދާ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ރ. އުނގޫފާރުގެ އިތުރުން، އަލަށް ގދ. ތިނަދޫ، ލ. ގަން އަދި ޏ. ފުވައްމުލަކުގައި މި ޚިދުމަތް ޤާއިމުކުރުމަށް ނިންމައި، ތައްޔާރީތައް ވަމުންދާ ކަމަށެވެ.
މީގެ އިތުރުން، މިހާރު ސީޓީ ސްކޭންގެ ޚިދުމަތް ލިބޭ ތިނަދޫ، ފުވައްމުލައް އަދި އައްޑޫގެ އިތުރުން، މި އަހަރު ނިމުމުގެ ކުރިން އިތުރު ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ.
މި މަޝްރޫޢަކީ ރައްޔިތުންނަށް އެމީހަކު ދިރިއުޅޭ ސަރަޙައްދަކުން ލުއިފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ކަށަވަރުކޮށްދިނުމަށް ސަރުކާރުން ދޭ ޚާއްޞަ އަހައްމިއްޔަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. މިގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރްއައިގެ ޚިދުމަތް ކާމިޔާބުކަމާއެކު ފަށާފައިވާއިރު، އަލަށް އިތުރުކުރެވޭ ވަސީލަތްތަކާއެކު އަތޮޅުތަކުގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ.









