ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ މާލީ އެހީގެ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 58.4 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިއީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީގެ ދަށުން ދޫކުރެވުނު މާލީ އެހީއެކެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރުގައި ޖުމްލަ 15،665 މީހުން ވަނީ ރަޖިސްޓަރީވެފައެވެ. މީގެ ތެރެއިން 15،498 މީހުންނަށް އޮގަސްޓް މަހުގެ ތެރޭގައި ވަނީ މާލީ އެހީ ފޯރުކޮށްދީފައެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އަލަށް 169 މީހަކު ވަނީ ރަޖިސްޓަރީކޮށްފައެވެ.

މި ދަފްތަރުގައި ހިމެނޭ މީހުންގެ ޖެންޑާ ތަފްސީލަށް ބަލާއިރު، 9،057 ފިރިހެނުންނާއި 6،608 އަންހެނުން ހިމެނެއެވެ. އެންސްޕާ އާއި އާސަންދަ މެދުވެރިކޮށް އެކި ފަރާތްތަކަށް ކުރަންޖެހޭ ހަރަދުތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާތީ، ސަރުކާރުން މިހާރު ދަނީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އެހީ ލިބޭކަން ކަށަވަރުކުރުމަށްޓަކައި ނިޒާމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނެސް، ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.