ނަފުސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ލޮތްބާއި އޯގާތެރިކަމާއި ރައްކާތެރި މާހައުލެއް ގާއިމްކުރަންޖެހޭކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ ކަލަރ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދުނިޔޭގެ ނަފުސާނީ ސިއްހަތު ދުވަހުގެ ގޮތުގައި އޮކްޓޫބަރު 10 ވަނަ ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ގައުމީ ހަރަކާތްތައް ކުރިއަށްދަނީ ކާށިދޫގައެވެ.
މިއަހަރުގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު" މިއަށް އަލިއަޅުވާލައްވައި ވަޒީރު ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެކަނިވެރިކަމާއި ހިތްދަތިކަމުގައި ގޮންޖެހުންތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ އަޑު އެހުމުން ނޫނީ އެމީހުންނަށް ބޭނުންވާ ހަގީގީ އެހީތެރިކަން ފޯރުކޮށް ނުދެވޭނެކަން ފާހަގަކުރައްވިއެވެ.
"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. މިއީ ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އަށަގެންފައިވާ ނުރަނގަޅު ތަސައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ"
ކަމަށްވެސް ވަޒީރު ގީލާ އަލީ ވިދާޅުވިއެވެ.
އެކަކު އަނެއްކަކަށް ލޮތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ގައުމީ ޒިންމާއެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކާށިދޫގައި ބޭއްވި ކަލަރ ރަންއަކީ އެންމެން އެއްވެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއެކު އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ވަކި ބައެއްގެ ކަމެއް ނޫންކަމާއި، އެއީ މުޅި މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން މި ހަރަކާތުން ހަނދާންކޮށްދޭކަމަށްވެސް ވިދާޅުވިއެވެ.
ނަފުސާނީ ބަލީގެ ފަރުވާގެ ނިޒާމު ތަރައްގީކުރުމަށް ސަރުކާރުން އަމަލީ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅާފަވެއެވެ. އެގޮތުން، ނަފްސާނީ މައްސަލަތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހެލްޕްލައިން "1677" 2024 ވަނަ އަހަރު ތަޢާރަފުކުރެއްވިއެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ހައްލު ހޯދައިދިނުމަށް ސަރުކާރާއި ރައްޔިތުންނާ ދެމެދު އެޅުނު މުހިންމު ފާލަމެކެވެ. ސަރުކާރުން ގާއިމުކުރި މި ހެލްޕްލައިނަށް މިހާތަނަށް 23,000 އަށްވުރެ ގިނަ މީހުން ގުޅައި އެހީތެރިކަން ހޯދާފައިވާކަން ހާމަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ނަފުސާނީ ބަލީގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ސަރުކާރުން ހާއްސަ ރޭވުންތަކެއް ރާވާފަވާކަމުގައިވެސް ވިދާޅުވިއެވެ. އެގޮތުން، މި ދާއިރާއިން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ސިއްހީ މާހިރުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ނިންމާފަވެއެވެ. މީގެއިތުރުން، މަރުކަޒީކޮށް ލިބޭ ހިދުމަތްތައް އަތޮޅުތަކުގެ ރަށްރަށަށް ފުޅާކޮށް، އަތޮޅުތަކުގައި ތިބެގެން ފަސޭހަކަމާއެކު ނަފުސާނީ ފަރުވާ ލިބޭނެ ހާއްސަ ސިޔާސަތުތައް އެކުލަވައިލައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މިފަދަ ސިޔާސަތުތަކުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ލިބިގެންދާނެއެވެ. އަދި ނަފުސާނީ ބަލިތަކާ މެދު މުޖުތަމައު ދެކޭ ނުރަނގަޅު ތަސައްވަރު ބަދަލުކޮށް، އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އޯގާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.




