ޒުވާނުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކުރުމުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި ދީނީ ނަޒަރަކުން އެކަންކަމަށް ބަލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ ނާއުއްމީދުތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޒުވާނުން ދަސްކުރަން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ދިރިއުޅުމުގައި އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނުހިނގާނެކަން ކޮންމެ މީހަކުވެސް ގަބޫލު ކުރަންވާނެއެވެ. އުފަލާއި ހިތާމައަކީ ދިރިއުޅުމުގެ ބައެއް ކަމަށްވާއިރު، އުނދަގޫ ހާލަތްތަކުގައި ކެތްތެރިކަން އިސްކޮށް، ދީނީ ގޮތުން ލިބެންހުރި ފިލާވަޅުތަކުން ހިތްވަރު ހޯދުމަކީ ނަފްސާނީ ގޮތުން މީހާ ވަރުގަދަވާނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، ނަފްސާނީ މައްސަލަތައް ދިމާވުމުން، ފަންނީ މާހިރުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ހޯދުމަށް އެއްވެސް ވަރަކަށް ފަސްޖެހިގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ނަފްސާނީ ބައްޔަކީވެސް އެހެނިހެން ޖިސްމާނީ ބަލިތައް ފަދައިން ފަރުވާ ހޯދަންޖެހޭ ކަމެއް ކަމަށާއި، އެހީތެރިކަން ހޯދުމަކީ އެއްވެސް ހާލެއްގައި ލަދުގަންނަން ޖެހޭ ކަމެއް ނޫންކަމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
މީގެ އިތުރުން، ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމުގައި ލަސްކޮށްގެން ނުވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އެހީތެރިކަން ހޯދައިފިނަމަ، ޒުވާނުންނަށް ދިމާވާ ގިނަ މައްސަލަތަކަކަށް އަވަސް ހައްލެއް ލިބި، އުފާވެރި އަދި އުފެއްދުންތެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.



