ޒުވާނުންނާއި ކިޔަވާކުދިންގެ މެދުގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ ހާލަތްތަކުގައި ފަސްނުޖެހި އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފި އެވެ.
މިއަދު ޔޫތު ހަބްގެ ހޯލުގައި ބޭއްވި "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުނދަގޫތަކާއި ނުތަނަވަސްކަމާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އެހެންކަމުން، ނާއުންމީދުވާ ޒުވާނުންނަށް އެމީހުންގެ ނަފްސާއި ފުރާނައަށް ރައްކާތެރިވުމުގެ މުހިންމުކަން ހަނދާންކޮށްދޭން ޖެހޭކަމަށާއި، ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު މަސައްކަތްކޮށް މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
ދިވެހިރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ސިއްހީ ގޮތުން ބެލުމުގެ އިތުރުން ދީނީ ގޮތުންވެސް ސަމާލުކަން ދޭންޖެހޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި ނަފްސާނީ މައްސަލައެއް ދިމާވެއްޖެނަމަ، ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިންނާ ހިއްސާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް ޒުވާނުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވި އެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ އިދާރީ އަދި ގާނޫނީ ފަރާތްތަކުން އެކަމަކީ ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވިދާޅުވީ، އަނިޔާ ލިބިފައިވާ ޒުވާނަކު ހިތްވަރުކޮށްފައި އެހީއަށް އެދުމުން އޭނާއަށް ހިމާޔަތްދީ އިންސާފު ލިބޭނެކަން ޔަގީންކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ޒުވާނުންނަކީ ގައުމުގެ މާދަމާގެ ބަތަލުންކަން ފާހަގަކުރައްވައި، އީޖާދީ ވިސްނުމާއެކު ގައުމާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް އަޒުމު ކަނޑައެޅުމަށް ބާރުއެޅުއްވި އެވެ.
ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ކޮންފަރެންސްގެ އެކި ދާއިރާތަކުން ހުށަހެޅުންތައް ހުށަހެޅި ފަރާތްތަކަށް ރައީސްގެ އަނބިކަނބަލުން ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.




