މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް، ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންފިއެވެ. "ޓުވާރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިއާރުގެ ދަށުން މި ހިނގާ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ފެށި މި ސަމިޓުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން، މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، ބައިނަލްއަގްވާމީ މާލީ ނިޒާމަށް އަވަސް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ނަތީޖާއަކަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ނާޒުކު ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. އަދި އެފަދަ ގައުމުތަކަށް ލިބެންޖެހޭ ބައިނަލްއަގްވާމީ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ. މީގެއިތުރުން، ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ އިސްވެރިންގެ އިތުރުން ތިމާވެށީގެ ދާއިރާގެ ފުންނާބުއުސް ފަރާތްތަކާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ސަމިޓުގެ ތެރެއިން، "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ތަގުރީރު ކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، އުކާލެވޭ ކުންޏަކީ އަމިއްލައަށް ނެތިގެންދާނެ އެއްޗެއް ނޫންކަން ބައިނަލްއަގްވާމީ މުޖުތަމައަށް ހަނދާންކޮށްދެއްވިއެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭއްވި މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، ކުދި ރަށްތައް މޫސުމީ ބަދަލުތަކަށް ހޭނުވުމާ ގުޅޭގޮތުންނެވެ. މި މަޝްވަރާތަކުގައި ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްފައެވެ.
2023 ވަނަ އަހަރުގެ ކޮޕް28 އަދި 2024 ވަނަ އަހަރުގެ ކޮޕް29 ސަމިޓުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިވުމަކީ، މޫސުމީ މައްސަލަތަކުގައި ދުނިޔޭގެ ފެންވަރުގައި ވަކާލާތުކުރުމަށް މި ސަރުކާރުން ދޭ ހާއްސަ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.




