ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، މި ބައްޔާ ކުރިމަތިލަމުންދާ ފަރާތްތަކަށް ހިތްވަރުދެއްވައި، އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފިއެވެ. އެކަމަނާގެ މެސެޖުގައި، ހަކުރުބަލީގެ ސަބަބުން އުފުލަންޖެހޭ ތަކުލީފުތަކާއި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ގިނަ ބަޔަކަށް ހަކުރުބައްޔާއެކު އުޅުމަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އުމުރުދުވަހުގެ ފަރުވާ ދެމެހެއްޓުމެވެ. އަދި ބައެއް ހާލަތްތަކުގައި މިއީ ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ހާލަތްތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އެހެންކަމުން، މި ބަލީގެ ވޭން ކުޑަކޮށް، ފުރާނަ ސަލާމަތްކުރުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އާއިލާއާއި ގާތް މީހުން ގަވާއިދުން ސްކްރީންކުރުމަށާއި ސިއްހަތަށް ފައިދާހުރި އާދަތައް އަށަގެންނެވުމަށް ބާރުއެޅުމަކީ މުޅި މުޖުތަމައަށް ލިބޭނެ ބޮޑު އެހީތެރިކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
"ހަކުރު ބަލިން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވަމާ" މި ޝިއާރުގެ ދަށުން މިއަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި "އާލީ އެކްޝަން އޮން ޑައިބެޓީސް" ފޯރަމް ބޭއްވުމާއި، އެޗްޕީއޭ އަދި ނޭޝަނަލް ޑައިބެޓީސް ސެންޓަރު ގުޅިގެން ރ. އަތޮޅުގައި ސްކްރީނިންގ އަދި ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.




