ދިވެހިރާއްޖޭގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ އާންމު ސިއްހަތުގެ އަސާސީ ހިދުމަތްތައް ކަނޑައަޅައި މެޕްކުރުމަށް ބާއްވާ "އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" (އީ.ޕީ.އެޗް.އެފް) އާ ގުޅޭ ފުރަތަމަ ގައުމީ މަސައްކަތު ބައްދަލުވުން މާލޭގައި ފަށައިފި އެވެ. މީރުމާ އިވެންޓްސް ހޯލުގައި ބޭއްވި މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އަލްފާލިލާ ގީލާ އަލީ އެވެ.
އާންމު ސިއްހަތުގެ ހިދުމަތްތަކަކީ މީހުން ބަލިވުމުގެ ކުރިން މުޅި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެ ކެވެ. މި މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމްއީއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އެކުލަވާލާފައިވާ 12 އީ.ޕީ.އެޗް.އެފް ގެ މައްޗަށް ބިނާކޮށް، ގައުމީ ފެންވަރުގައި މި މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން މިހާރު ވަނީ ފަށާފަ އެވެ.
މި އިފްތިތާހީ ހަފްލާގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިންގެ އިތުރުން ޑަބްލިޔު.އެޗް.އޯ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، މެޑަމް ޕޭޑެން އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި އެވެ. އެޗް.ޕީ.އޭ އިން ޑަބްލިޔު.އެޗް.އޯ ގެ ފަންނީ އެހީތެރިކަމާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި، ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން ބައިވެރިވެ އެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ 12 އީ.ޕީ.އެޗް.އެފް ދިވެހިރާއްޖޭގެ ހާލަތާ ގުޅުވައި ކަނޑައެޅުމާއި، މި ހިދުމަތްތައް ފޯރުކޮށްދޭނީ ކޮން ފަރާތްތަކަކުންކަމާއި ކޮން ތަންތަނަކުންކަން ދެނެގަތު މެވެ. މީގެއިތުރުން ސަރަހައްދީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ސިއްހީ ދާއިރާގެ ގުޅުންތައް ވަރުގަދަކޮށް، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މިންގަނޑުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ އެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 'ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027–2031' އަދި ގުޅުންހުރި ގައުމީ އެހެނިހެން ޕްލޭންތައް އެކުލަވާލުމަށް ނިންމާފަވެ އެވެ. މި ރޯޑްމެޕުގެ ސަބަބުން ކުރިއަށްއޮތް ތަނުގައި އާންމު ސިއްހަތުގެ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ދައުރު ސާފުވެ، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ސްޓްރެޓީޖިކް ގޮތެއްގައި މަސައްކަތްތައް ރޭވިގެންދާނެ އެވެ.
މި ހަރަކާތަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއި، ޑަބްލިޔު.އެޗް.އޯ އަދި ޗައިނާ އެއިޑްގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެ ކެވެ. މިއީ ދިވެހިރާއްޖޭގެ އާންމު ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެ ކެވެ.




