ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގެ އެންމެ ކުރީ ސަފަށް ނެރެ، އެއްވެސް ފަރާތެއް ބާކީ ނުކޮށް ޝާމިލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ސިޔާސަތު ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ "ރިވެލި އެވޯޑް 2026" ގެ ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ގީލާ ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުގެ އަޑު ވަރަށް ގާތުން އަައްސަވައި، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދެއްވުމަށާއި ދިރިއުޅުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށްޓަކައި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ ހުރިހާ އެހީތެރިކަމާއި އިނާޔަތްތަކުން އެފަރާތްތައް މަހުރޫމްވިޔަނުދިނުމަކީ ރައީސްގެ މުހިންމު ވައުދުފުޅެއްކަން ފާހަގަކުރެއްވިއެވެ.
ރިވެލި އެވޯޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއީ ހަމައެކަނި ޝަރަފަކަށްވުރެ ފުން މާނައެއް އެކުލެވޭ އަގުހުރި އެވޯޑެއް ކަމަށެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ކުރިއަރުވައި، ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރުދީ، އެފަރާތްތަކުގެ ފަހަތުގައި ތިއްބެވި ހިދުމަތްތެރިންގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އިން ދޭ އެވޯޑެއްކަން ފާހަގަކުރެއްވިއެވެ.
އަދި ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް މިނިސްޓްރީން ގެންގުޅޭ ސިޔާސަތުތައް މާނަހުރި ގޮތެއްގައި ތަންފީޒުކުރުމަށް ރިވެލި އެވޯޑުގެ ދައުރު ވަރަށް މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.




