މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 ކާމިޔާބުކަމާއެކު ނިންމާލައި، އެކްސްޕޯގެ މަގުސަދު ފުރިހަމައަށް ހާސިލުވެއްޖެކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު، އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯއަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރައްވައި، މިއީ ބައިވެރިވި ފަރާތްތަކުގެ ހިދުމަތްތައް އިޝްތިހާރުކުރުމަށް ލިބުނު އަގުހުރި ފުރުސަތެއްކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރުވެސް ބޮޑު ތަރުހީބެއް ލިބިފައިވާ މި އެކްސްޕޯގައި، މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި، ކްލިނިކުތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ހިމެނޭހެން ޖުމްލަ 60 އަށްވުރެ ގިނަ ސްޓޯލް ބަހައްޓާފައިވެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ ސްޓޯލްތަކުގެ ފެންވަރު ކުރީ އަހަރަށްވުރެ ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ފާހަގަކުރެވުނެވެ. އެގޮތުން ސިއްހީ ދާއިރާއާ ގުޅުންހުރި މުހިންމު މައުލޫމާތުތަކާއި، އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިންތަކުގެ މައުލޫމާތާއި، އެކި ހިދުމަތްތައް ހޯދުމުގައި އަމަލުކުރަންޖެހޭ މަރުހަލާތައް އާންމުންނަށް ވަރަށް ފުރިހަމައަށް އޮޅުންފިލުވައިދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި އެކްސްޕޯގެ ތެރެއިން ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސް، ސިއްހީ މުހިންމު ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް ވަނީ ހިންގާފައެވެ. ސިއްހީ ދާއިރާގެ އެންމެހާ މުއައްސަސާތަކާއި، ޖަމިއްޔާތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދިޔަ މި އެކްސްޕޯއަށް ގިނަ އަދަދެއްގެ އާންމުން ވަނީ ޒިޔާރަތްކޮށްފައެވެ.
ކުރިއަށް އޮތް އަހަރުގެ އެކްސްޕޯއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ތަޖުރިބާގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ އަދި ތަރައްގީކުރެވިދާނެ ދާއިރާތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ފުޅާ ދާއިރާއެއްގައި އަދި މާ ފުރިހަމަ އިންތިޒާމުތަކަކާއެކު ބޭއްވުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.




