ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވި ބޮޑުބެރު ޗެލެންޖު 2026ގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް "ބޮޑުބެރު ގުރޫޕު 1438" ކާމިޔާބުކޮށްފިއެވެ. މިދިޔަ އަހަރުގެވެސް ޗެމްޕިއަންކަން ހޯދި 1438އިން މި އަހަރުގެ އެއްވަނަ ކަށަވަރުކުރީ، ފައިނަލުގައި ވާދަކުރި 5 ޓީމާ ވާދަކޮށްގެންނެވެ. މި މުބާރާތަކީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިސްނަގައިގެން، ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ 10 ޓީމު ވާދަކުރިއިރު، ޓީމުތަކުން ވަނީ ދިވެހި ސަގާފީ ބޮޑުބެރުގެ މުހިންމު ބާވަތްތަކެއް ހުށަހަޅައިދީފައެވެ. އޭގެ ތެރޭގައި ކާސިމަޖާއާއި ބަބުރާއި ޒަމާނީ ލަވަތަކުގެ އިތުރުން ތިންބެރުގެ ލަވަތައް ހިމެނެއެވެ. ފައިނަލުގައި ވާދަކުރި 5 ޓީމުގެ ތެރެއިން ކޮންމެ ޓީމަކުންވެސް 2 ހުށަހެޅުން ދައްކާލިއިރު، މުބާރާތުގެ ދެވަނަ ހޯދީ ޗާލޭ ބޮޑުބެރު ގްރޫޕެވެ. އަދި ތިންވަނަ ހޯދާފައިވަނީ ރިދަމް ބޮޑުބެރު ގްރޫޕާއި ހޭވަައްލާ ބޮޑުބެރު ގްރޫޕެވެ. މީގެ އިތުރުން މަންނަ ބޮޑުބެރު ގްރޫޕުވެސް ވަނީ ފައިނަލުގައި ވާދަކޮށްފައެވެ.
ބޮޑުބެރު ޗެލެންޖުގެ އިތުރުން، ސަގާފީ ނެށުމަށް ހާއްސަކޮށްގެން "ސަގާފީ ވާދަ"ގެ ނަމުގައިވެސް މުބާރާތެއް މައުރަޒުގެ ތެރެއިން ބޭއްވިއެވެ. ޖުމްލަ 4 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލުގައި ހުރިހާ ގްރޫޕަކުންވެސް ހުށަހެޅުންތައް ދައްކާލާފައިވެއެވެ. މި މުބާރާތުގެ އެއްވަނަ އެކްސްޓްރީމް ލެވެލް ހޯދިއިރު، ދެވަނަ ހޯދީ އެމްއެންޔޫ ޑާންސް ގްރޫޕެވެ. އަދި މުބާރާތުގެ ތިންވަނަ ކާމިޔާބުކުރީ ހިޔަލަ ގްރޫޕުންނެވެ.
މި މުބާރާތްތަކުން އެއްވަނައަށް ދިޔަ ޓީމުތަކަށް އިނާމުގެ ގޮތުގައި 75,000 ރުފިޔާގެ ފައިސާގެ އިނާމު ދެވުނެވެ. މީގެ އިތުރުން މުބާރާތުން ދެވަނައަށް ދިޔަ ޓީމުތަކަށް 50,000 ރުފިޔާ ދީފައިވާއިރު، ތިންވަނައަށް ދިޔަ ޓީމުތަކަށް ވަނީ 25,000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކުރިއެވެ. މިއީ ސަގާފީ ހަރަކާތްތަކަށް ދެވުނު ބޮޑުި އެއްބާރުލުމެކެވެ.
ބީސީސީން ބުނެފައިވަނީ މި މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތާރީހާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން މި ދާއިރާއަށް އައު ތަރިން ނެރުން ކަމަށެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި ސަގާފީ ކަންކަމަށް ލޯބި ޖެއްސުމަކީވެސް މުހިންމު އަމާޒެއްކަން އެ ކޯޕަރޭޝަނުން ހާމަކުރިއެވެ.






