ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ "މާކެޓް ޕްލޭސް" ޑިސްޓްރިކްޓްގައި މިއަހަރު 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބީސީސީ ގުޅިގެން ބާއްވާ މި މަޢުރަޒު ކުރިއަށްދާނީ މި ހިނގާ މެއި މަހުގެ 25 އިން ފެށިގެން އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވޭތުވެދިޔަ އަހަރުގެ އެކްސްޕޯގައިވެސް އާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބުނު މި ޑިސްޓްރިކްޓުގައި މިދިޔަ އަހަރު ބައިވެރިވީ 100 ފަރާތަކުންނެވެ. ނަމަވެސް މިއަހަރު ބައިވެރިންގެ އަދަދު 130 އަށްވުރެ އިތުރުވެފައިވާއިރު، ބައިވެރިންނަށް ދޫކުރާ ސްޓޯލްތަކުގެ ޖާގަވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރު 5 ފޫޓު 6 ފޫޓުގައި ހުރި ސްޓޯލްތަކުގެ ޖާގަ، މިއަހަރު ވަނީ 8 ފޫޓު 8 ފޫޓަށް ތަނަވަސްކޮށްދީފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ އިތުރުން އަތްތެރި މަސައްކަތްތެރިން ބައިވެރިވާ މި ޑިސްޓްރިކްޓްގައި މިއަހަރު ޚާއްޞަ ދެ ގާޑިޔަލެއްވެސް ފެނިގެންދާނެއެވެ. އެއީ ޏ. ފުވައްމުލައް އަދި ބ. އޭދަފުށިން ބައިވެރިވާ ދެ ގާޑިޔަލެވެ.
ބީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މަޢުރަޒު ހުރިހާ ގޮތަކުންވެސް ތަފާތުވެފައި ފުރިހަމަވާނެއެވެ. އެގޮތުން މިދިޔަ އަހަރު 240 އެގްޒިބިޓަރުންނާއެކު 2،400 އުފެއްދުން މަޢުރަޒުގައި ބައިވެރިކުރިއިރު، މިއަހަރުގެ މަޢުރަޒުގައި 780 އެގްޒިބިޓަރުން ބައިވެރިވެ، ޖުމްލަ 4،800 އަށްވުރެ ގިނަ އުފެއްދުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.






