ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިއަދު ތިން އަހަރު ފުރުނުއިރު، އިގްތިސާދީ ގޮތުން ހޯދިފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ބައިނަލްއަގްވާމީ ބޮޑެތި ދަރަނިތައް ފުރިހަމައަށް އަދާކޮށް، ގައުމު ބަނގުރޫޓުވުމުގެ ނުރައްކަލުން ސަލާމަތްކޮށް، ރާއްޖެއަށް މާލީ އިތުބާރު އަލުން ހޯދައިދިނުމެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ގައުމުގެ އިގްތިސާދު އޮތީ ބޮޑު ދަރަންޏަކާއި، ބޭރު ފައިސާގެ ދަތިކަމާއި، ކުރިމަތިވަމުން އައި ބޮޑެތި ދަރަނިތައް ދެއްކުމުގެ ބުރައިގެ ތެރޭގައެވެ. ހާއްސަކޮށް މި ހިނގާ 2026 ވަނަ އަހަރަކީ ބޭރުގެ ބޮޑެތި ދަރަނިތައް ދައްކަންޖެހިފައި އޮތް އަހަރަކަށް ވުމުން، އަސާސީ ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށްގެންދަމުން ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަކީ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
އެމްޑީޕީގެ އިންޒާރުތަކާއެކުވެސް، ވާރުތަވި ބޮޑެތި ދަރަނިތައް ދައްކައި ހޯދީ އިތުބާރު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް ފަރާތްތަކުން އިންޒާރު ދިން ނަމަވެސް، 2026 ގެ އެޕްރީލް އަދި މޭ މަހު ސަރުކާރުން ވަނީ ބޭރުގެ ބޮޑެތި ދަރަނިތައް ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރިއެވެ.
މީގެ ތެރޭގައި އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސޮވްރިން ސުކޫކު ދައްކައި، ގައުމު ބަނގުރޫޓުވުމުގެ ކުއްލި ނުރައްކަލުން ސަލާމަތްކުރުން ހިމެނެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ކުރީ ސަރުކާރުގެ ދައުރުގައި ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 60.3 ބިލިއަން ރުފިޔާއިން 126 ބިލިއަން ރުފިޔާއަށް އަރައި ދެގުނައަށް ވުރެ އިތުރުވެފައެވެ.
ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރުން
މި އަހަރުގެ އެޕްރީލް އަދި މޭ މަހުގެ ތެރޭގައި ރާއްޖެއިން ވަނީ ބޭރުގެ ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 974 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައެވެ.
- ސޮވްރިން ސުކޫކުގެ ޕޭމަންޓްތައް: 524 މިލިއަން ޑޮލަރު
- ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) ގެ ކަރަންސީ ސްވަޕް: 400 މިލިއަން ޑޮލަރު
- އިންޑިއާގެ ޓްރެޜަރީ ބިލް: 50 މިލިއަން ޑޮލަރު
މިއާއެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޭރުގެ ދަރަނި ވަނީ 2025 ގެ ނިޔަލަށް ހުރި %52.8 އިން، 2026 ގެ ދެވަނަ ކުއާޓަރާ ހަމައަށް އައިއިރު %45.2 އަށް ދަށްކުރެވިފައެވެ.
ނަމަވެސް، މުޅި ދަރނީގެ ހާލަތަށް ބަލާއިރު، 2023 ގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 3.36 ބިލިއަން ޑޮލަރުގައެވެ. އަދި 2023 އާއި 2025 އާ ދެމެދު ދައުލަތުގެ ޖުމްލަ ދަރަނި އިތުރުވެފައިވެއެވެ. އެހެންކަމުން، ބޭރުގެ ދަރަންޏަށް މިއަހަރު ތެރޭ ކުރިއެރުމެއް ނަމަވެސް، މުޅި ގައުމުގެ ދަރަނީގެ މައްސަލައަށް އަދިވެސް ދެމެހެއްޓެނިވި ހައްލުތަކެއް ބޭނުންވެއެވެ.
ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިންގ ރަނގަޅުވުން
ދަރަނި އަދާކުރުމުގައި ސަރުކާރުން ހޯދި ކާމިޔާބީއާ ގުޅިގެން، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ވަނީ މަތިކޮށްފައެވެ.
- ފިޗް ރޭޓިންގްސް (ޖޫން 2026): ސުކޫކް ފައިސާ ދެއްކުމާ ގުޅިގެން ރާއްޖޭގެ ރޭޓިންގ "CC" އިން "CCC-" އަށް މަތިކުރިއެވެ.
- މޫޑީސް (އޮކްޓޯބަރު 2026): ރާއްޖޭގެ ރޭޓިންގ "Caa2" އިން "Caa1" އަށް ސްޓޭބަލް އައުޓްލުކަކާއެކު މަތިކުރިއެވެ.
މި ރޭޓިންގތަކާއެކު ދައްކުވައިދެނީ ކައިރި މުސްތަގުބަލެއްގައި ދަރަނި އަދާކުރުމުގެ ގާބިލުކަން ރާއްޖޭގައި ހުރިކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމެވެ. ރާއްޖެ އަދިވެސް އޮތީ ރިސްކު ބޮޑު ކެޓަގަރީއެއްގައި ނަމަވެސް، މިއީ މާލީ އިތުބާރު ހޯދުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ދަރަނި ރީސްޓްރަކްޗަރ ކުރުމާއި ބައިނަލްއަގްވާމީ އެއްބާރުލުން
ސީދާ ފައިސާ ދެއްކުމުގެ އިތުރުން، ދަރަނީގެ ބުރަ ކުޑަކުރުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއެކު ސަރުކާރުން މަސައްކަތްކޮށްފައިވެއެވެ:
1. އިންޑިއާ: ކަރަންސީ ސްވަޕް ފެސިލިޓީތަކާއި، ތަރައްގީގެ އެހީ އަދި ކުރިން ނަގާފައިވާ ބައެއް ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުން.
2. ޗައިނާ: ބައެއް ލޯނުތައް ރީސްޓްރަކްޗަރ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން.
3. އަބޫދާބީ ފަންޑު: 100 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމުގެ މުއްދަތު 2031 ގެ ނިޔަލަށް އިތުރުކުރުން.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ކުއްލިއަކަށް ދައްކަންޖެހޭ ލޯނުގެ މިންވަރު މަދުވެ، ކޭޝްފްލޯއަށް ލުއި ލިބިގެންދިޔައެވެ.
ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުން
ރާއްޖޭގެ މާލީ ނިޒާމަށް ބޭރު ފައިސާ، ހާއްސަކޮށް އެމެރިކާ ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށްޓަކައި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭރު ފައިސާއާ ބެހޭ އައު ގާނޫނެއް ތައާރަފުކުރެވުނެވެ. މި ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކިންގ ނިޒާމަށް ޑޮލަރު މާރުކުރުން ލާޒިމުކުރެވުނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރު މި ގާނޫނުގެ ދަށުން ގާތްގަނޑަކަށް 670.8 މިލިއަން ޑޮލަރު ވަނީ މާރުކޮށްފައެވެ.
މީގެ ސަބަބުން، 2026 ގެ މާޗް މަހުގައި ބޭރު ފައިސާގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރަށް އެރިއެވެ. ނަމަވެސް، ބޭރުގެ ބޮޑެތި ދަރަނިތައް ދެއްކުމާ ގުޅިގެން، 2026 ގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރިޒާވް ވަނީ 599 މިލިއަން ޑޮލަރަށް ތިރިވެފައެވެ. މިއިން ދައްކުވައިދެނީ ބޭރުގެ ދަރަނިތައް އަދާކުރަމުން އިގްތިސާދަށް ކުރިމަތިވެދާނޭ ލޮޅުންތަކުން އަރައިގަތުމަށް އެކަށީގެންވާ ރިޒާވެއް އަލުން ބިނާކުރުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެވެ.
ފިސްކަލް ޑެފިސިޓް ކުޑަކުރުން
މާލީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު އަނެއް މުހިންމު ފިޔަވަޅަކީ ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމެވެ.
1. 2024 ވަނަ އަހަރުގެ ޑެފިސިޓް: ޖީޑީޕީގެ ނިސްބަތުން %9.9 (ގާތްގަނޑަކަށް 10.8 ބިލިއަން ރުފިޔާ)
2. 2025 ވަނަ އަހަރުގެ ޑެފިސިޓް: ޖީޑީޕީގެ ނިސްބަތުން %4.3 (ގާތްގަނޑަކަށް 5.1 ބިލިއަން ރުފިޔާ)
އެމްއެމްއޭ އަދި ވޯލްޑް ބޭންކުގެ އަންދާޒާތަކަށް ބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ ވަނީ 2023 ގައި ހުރި 34.15 ބިލިއަން ރުފިޔާއިން 2025 ގައި 37.88 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ބަޖެޓް ޑެފިސިޓް ކުޑަކުރުމަކީ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ ބަޖެޓް ދެކޮޅުނުޖެހޭ މިންވަރު ބޮޑުވާނަމަ، އެކަން ހަމަޖެއްސުމަށް އިތުރަށް ލޯނު ނަގަން މަޖުބޫރުވާތީއެވެ. ނަމަވެސް، ޑެފިސިޓް ކުޑަވުމުގައި ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދުތައް ކުޑަކުރުން ހިމެނޭތީ، މާލީ އިސްލާހީ ފިޔަވަޅުތައް މެދުނުކެނޑި އެޅުމުގެ މުހިންމުކަން ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ދަރަނި އަދާކުރުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އެހީތެރިކަން
ރާއްޖޭގެ މައި އިގްތިސާދީ ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަކީ ބޭރު ފައިސާ ހޯދުމަށާއި ދައުލަތަށް އާމްދަނީ އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރި ދާއިރާއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2023 ވަނަ އަހަރު ހުރި 1.88 މިލިއަނުން، 2025 ވަނަ އަހަރު ރެކޯޑު އަދަދެއް ކަމަށްވާ 2.25 މިލިއަނަށް އިތުރުވެފައެވެ. މި ކުރިއެރުމުގެ ސަބަބުން އަސާސީ ހިދުމަތްތަކަށް ހަރަދުކުރުމަށާއި، ބޭރުގެ ދަރަނިތައް ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިވިއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމަކީ ފަތުރުވެރިކަން ފުޅާކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ.
އެހެންނަމަވެސް، އިގްތިސާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތުމަކީ ބައިނަލްއަގްވާމީ ލޮޅުންތަކުގެ އަސަރު ފަސޭހައިން ފޯރާނެ ކަމަކަށް ވާތީ، އިގްތިސާދު ޑައިވާސިފައި ކުރުމާއި ޒިންމާދާރުކަމާއެކު ދަރަނި ބެލެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަންނަން އޮތް ޖީލުތައް ދަރަނީގެ ބުރައިން ސަލާމަތްކުރުން
ދަރަނި އަދާކުރުމުގެ މުހިންމުކަން ގުޅިފައިވަނީ ހަމައެކަނި ވަގުތީ ގޮތުން ދައްކަންޖެހޭ ފައިސާއެއް ދެއްކުމަކާ ނޫނެވެ. ގައުމެއް ޑިފޯލްޓްވެއްޖެނަމަ، ބައިނަލްއަގްވާމީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ބޭރުން ލޯނު ލިބުން ދަތިވެ، ތަކެތި އިމްޕޯޓްކުރުމަށް ހުރަސްއެޅި، ދިވެހި ފައިސާގެ އަގު ވެއްޓި، މުސްތަގުބަލުގައި ދަރަނި ނެގުމުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ.
ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމުން އެފަދަ ނުރައްކާތަކުން ގައުމު ސަލާމަތްވެ، މާލީ އިތުބާރު ދެމެހެއްޓުނެވެ. އަންނަން އޮތް ޖީލުތަކަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ނުހަނު މުހިންމު ކަމެކެވެ. ސަބަބަކީ ބޮޑެތި ދަރަނިތައް ދެއްކުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުމުން، ތަޢުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަން ފަދަ ރައްޔިތުންގެ އަސާސީ ކަންކަމަށް ކުރެވެން ހުންނަ ހަރަދުތައް މަދުވެގެންދާތީއެވެ.
އެހެންކަމުން، ކުރިއަށް އޮތް ޖީލުތައް ހިމާޔަތްކުރުމަށްޓަކައި މިހާރު ހުރި ދަރަނިތައް ދެއްކުމުގެ އިތުރުން، އަލަށް ނަގާ ދަރަނިތައް ކޮންޓްރޯލްކޮށް، ދައުލަތުގެ މާލިއްޔަތު ހަރުދަނާކޮށް، ކުރާ އިންވެސްޓްމަންޓްތަކަކީ އިގްތިސާދަށް ދިގު މުއްދަތުގެ ފައިދާ ލިބޭނެ ކަންކަން ކަށަވަރުކުރަންޖެހެއެވެ.




