އަމިއްލަ މަސައްކަތްކުރާ އަދި ވިޔަފާރިވެރި އަންހެނުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން "ވިމެންސް ފައިނޭންޝަލް އެމްޕަވާމަންޓް އެންޑް ޕެންޝަން ރެޑިނަސް ޕްރޮގްރާމް" ޑަބްލިއު.އީ.ޕީ.އާރްގެ ހާއްސަ ސެޝަނެއް ބާއްވައިފި އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން މިއަދު ފަންކްޝަން ފައިވްގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި 20 ފަރާތަކުން ބައިވެރިވި އެވެ. މިއީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގައި މަސައްކަތްތެރިން ބައިވެރިވާ މިންވަރު އިތުރުކުރުމަށާއި، ދުރާލާ ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަން އަންގައިދިނުމުގެ މަގުސަދުގައި ޕެންޝަން އޮފީހުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ސެޝަންގައި ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައި ވެއެވެ. ހަމައެއާއެކު، ބަޖެޓު އެކުލަވާލުމާއި މާލީ ރަނގަޅު އާދަތައް އަށަގަންނުވައި، ދިގު މުއްދަތަކަށް މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދުރާލާ ކަންކަން ރޭވުމުގެ މުހިންމުކަމަށްވެސް ވަނީ އަލިއަޅުވާލާފަ އެވެ.
މީގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޮލަންޓަރީ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކޭނެ ގޮތްތަކާއި، ޕެންޝަން އޮފީހުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އާރް.އެސް.އޭގެ ތަފްސީލު ބަލައި ހިދުމަތް ހޯދާނެ ގޮތްތައް ބައިވެރިންނަށް ވަނީ ކިޔައިދީފަ އެވެ. އަދި ރިޓަޔާމަންޓަށް ފައިސާ ރައްކާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފަ އެވެ.
މި ޕްރޮގްރާމަކީ ރަސްމީ ވަޒީފާތަކުގެ ބޭރުން އާމްދަނީ ހޯދާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، އަންހެން ވިޔަފާރިވެރިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.




