މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރި 13 ވަނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" ޖުމްލަ 133 ބައިވެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއަހަރުގެ ފޯރަމް ހާއްސަކޮށްފައިވަނީ "ގްރީން ފައިނޭންސިންގ، ސަސްޓެއިނަބަލް އިންވެސްޓްމެންޓު އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" މި މައުޟޫއަށެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމުތައް ކުރިއަރުވައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމާއި، ވިލުންވެރި އިގުތިސާދެއް ބިނާކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.
މި ފޯރަމްގެ ސެޝަންތަކުގައި ރާއްޖެއަށް ގްރީން ފައިނޭންސްގެ މުހިންމުކަން ހާމަކޮށްދޭ ޕްރެޒެންޓޭޝަންތައް ހުށަހެޅުމުގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ގޭބިސީތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދި ރަށްރަށުގެ ދިރިއުޅުމަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ހާއްސަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން، ރެގިއުލޭޓަރީ އިދާރާތައް ހިމެނޭހެން ބޭއްވި ރައުންޑް ޓޭބަލް މަޝްވަރާތަކުގައި، ގާނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ ތެރެއިން މާކެޓުގެ އިތުބާރު ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ބެލެހެއްޓޭނެ ނިޒާމުތަކާ މެދު އަލިއަޅުވާލިއެވެ.
މާލީ ދާއިރާގެ އިސްވެރިންނާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، ވިޔަފާރިވެރިން އަދި ތަރައްގީގެ ބައިވެރިން ބައިވެރިވި މި ފޯރަމަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ. މިއަހަރުގެ ފޯރަމް ނިންމާލަމުން، ފޯރަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި ކޮލެބޮރޭޓިންގ ޕާޓްނަރު ޔޫއެންޑީޕީ އަދި ހުރިހާ ބައިވެރިންނަށް ޕެންޝަން އޮފީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.




