ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމު ނުވަތަ ގްރީން ފައިނޭންސާއި، ރާއްޖޭގެ ދިގުމުއްދަތުގެ މާލީ ރައްކާތެރިކަމަށް ހާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" މާދަމާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ޑުސިޓް ޑީ2 ފޭދޫގައި ބާއްވާ މި ފޯރަމަކީ 2012 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމްގެ 13 ވަނަ ބުރެވެ. މިއަހަރުގެ ފޯރަމްގެ މައިގަނޑު މައުލޫއަކީ "ގްރީން ފައިނޭންސް: ދިވެހިރާއްޖޭގައި ދެމެހެއްޓެނެވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުން" މިއެވެ.
މި ފޯރަމުގައި މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކުގެ އިތުރުން ތަރައްގީގެ ބައިވެރިން ބައިވެރިވާނެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށާއި، ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ދެމެހެއްޓެނެވި އިންވެސްޓްމަންޓްތައް މުހިންމުވާ މިންވަރާ ގުޅޭގޮތުންނެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ސީދާ ފޯރަމުންދާ ނާޒުކު ގައުމަކަށް ވުމާއެކު، އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓްތައް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަމުގައި ދައުލަތާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި އިންވެސްޓަރުން ގުޅުވައިދިނުމުގައި ގްރީން ފައިނޭންސް މުހިންމު ދައުރެއް އަދާކުރާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު ކަމުގައިވާ ޕެންޝަން އޮފީހުގެ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ޕެންޝަން ފަންޑުގެ އަދަދު ވަނީ 30.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި މި ސްކީމުގައި 204،549 އަށް ވުރެ ގިނަ މެންބަރުން ބައިވެރިވެއެވެ. ޕެންޝަން އޮފީހުން ދެކޭގޮތުގައި މެންބަރުންގެ ރިޓަޔާމަންޓް ފައިސާގެ އަގު ހިފެހެއްޓޭނީ ގައުމުގެ އިގްތިސާދު ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަރައިގެންނެވެ. އެހެންކަމުން މެންބަރުންގެ ރައްކާތެރިކަމާއެކު ގައުމީ ތަރައްގީއަށް ފައިސާ އިންވެސްޓްކުރެވޭނެ ދާއިރާތަކާ މެދު މި ފޯރަމުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ.
މި ފޯރަމްގައި ހިމެނޭ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި މާލީ އެހީތެރިކަމާ ގުޅޭ ހުށަހެޅުންތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުން ވާހަކަދެއްކުން ހިމެނެއެވެ. މީގެއިތުރުން، ދެމެހެއްޓެނެވި އުސޫލުތައް ބެލެހެއްޓުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ކުދި ޖަޒީރާ ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރުންވެސް ކުރިއަށްދާނެއެވެ. އަދި މޫސުމީ ނުރައްކާތައް ވިޔަފާރީގެ އައު ފުރުސަތުތަކަށް ބަދަލުކުރާނެ ގޮތްތަކާ މެދުވެސް ހާއްސަ މަޝްވަރާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގެ އެންމެހައި ސެޝަންތައް ޕެންޝަން އޮފީހުގެ ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.



