11 ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ) އެވޯޑްސް 2026 ގައި އެލައިޑް އިންޝުއަރެންސް އިން ޝަރަފުވެރި ދެ އެވޯޑެއް ހާސިލުކޮށްފިއެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓެލްގައި މި އޮކްޓޫބަރު މަހުގެ 20 ވީ އަންގާރަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި، އެލައިޑްގެ އިސްލާމިކް ވިންޑޯ "އެލައިޑް ތަކާފުލް" އަށް ވަނީ "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔަރ" އެވޯޑު ލިބިފައެވެ. އަދި އެ ކުންފުނީގެ "ކަމަނަ ތަކާފުލް" އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔަރ" އެވޯޑު ލިބިފައެވެ.
ޔޫޓީއޯ އެޑޫކޮންސަލްޓުން އިންތިޒާމުކޮށްގެން "ބިލްޑިންގ ލެގަސީސް" ގެ ތީމުގެ ދަށުން ބޭއްވި މި ރަސްމިއްޔާތަކީ ދެކުނު އޭޝިއާގެ އިސްލާމިކް ބޭންކިންގ އަދި މާލީ ދާއިރާގައި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް އަގުވަޒަންކުރުމުގެ ގޮތުން، ސަރަހައްދުގެ މާލީ އިދާރާތަކާއި ދާއިރާގެ މާހިރުން ބައިވެރިވި ރަސްމިއްޔާތެކެވެ.
އެލައިޑުން ހާމަކުރި ގޮތުގައި މި އެވޯޑުތަކަކީ ތަކާފުލް ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށްޓަކައި 2025 ވަނަ އަހަރު އެ ކުންފުނީގެ މެނޭޖްމަންޓުން ނެގި މުހިންމު އިސްނެގުންތަކުގެ ނަތީޖާއެވެ. އެގޮތުން، އާންމު ލައިފް އިންޝުއަރެންސް ވިއްކުން ހުއްޓާލައި، އޭގެ ބަދަލުގައި "ފެމިލީ ތަކާފުލް" ތައާރަފުކުރުމާއި، އެލައިޑް އެޕް މެދުވެރިކޮށް އާ ކަސްޓަމަރުންނަށް ހަމައެކަނި ތަކާފުލްގެ ހިދުމަތްތައް ފެންނާނެހެން ޑިޖިޓަލް ހިދުމަތްތައް ވަރުގަދަކުރުން ހިމެނެއެވެ.
މި އިސްނެގުންތަކާއެކު ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ހިންގި މާކެޓިންގ އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ ސަބަބުން، 2024 އިން 2025 އަށް ތަކާފުލްއިން ލިބުނު އާމްދަނީ ވަނީ ސިލްސިލާކޮށް އިތުރުވެފައެވެ. އެލައިޑް ތަކާފުލް އަދި ކަމަނަ ތަކާފުލްއަށް ލިބުނު މި ބައިނަލްއަގްވާމީ އަގުވަޒަންކުރުމަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި، އާންމުން ހޭލުންތެރިކުރުމަށް އެލައިޑުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.




